ENGLISH
26 މޭ 2026
ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ އަތުން އިންޑިއާއަށް ބޮޑު މޮޅެއް
26 މޭ 2026
ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން
އެންމެ މަޤްބޫލު
އިންޑިއާގެ ގޯއާގައި މިއަދު ފެށި ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 11-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު 5-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ އިންޑިއާއިން ނިންމާލިއިރު، ދެވަަނަ ހާފުގައި ވަނީ ހަ ލަނޑު ޖަހާފައެވެ. މި މެޗުގައި އިންޑިއާގެ އުމުރުން 22 އަހަރުގެ އަވޭކާ ސިންގް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ޕްރިޔަންކާ ނައޯރެމް އާއި ކަރިޝްމާ ޝިރްވޮއިކަރު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޕިޔާރީ ޒާޒާ، ގްރޭސް ޑަންގްމެއި އަދި ސަންގީތާ ބަސްފޯރެވެ.
މި މެޗުން އިންޑިއާ އަތުން 11-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، މިދިޔަ އަހަރުގެ ކުރީކޮޅުގައި އިންޑިއާގައި އެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ރާއްޖެއިން ވަނީ ކުޅެފައެވެ. އެ ގޮތުން ފުރަތަމަ މެޗުން ރާއްޖެ 14-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ބަލިވީ 11-1 ގެ ނަތީޖާއަކުންނެވެ.
ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެ ހިމެނެނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއެކު ގްރޫޕް ބީގައެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާނެވެ. ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުން ނޭޕާލް ވަނީ ބޫޓާން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކުރާނީ މި މަހުގެ 28 ވަނަ ދުވަހެވެ. ޖުމްލަ ހަ ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ތިން ޓީމު ހިމެނޭ ދެ ގުރޫޕުގައި ކޮންމެ ޓީމަކުން ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް، ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދެނީ ތަޖުރިބާކާރު ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) އެވެ.