ENGLISH
25 މޭ 2026
ޕާކިން އިމާރާތްތަކުގައި 20 އިންސައްތަ ޕަބްލިކް ޕާކިންއަށް ހާއްސަކުރަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި
25 މޭ 2026
|
މާލެ ސިޓީގެ ޕާކިން ސަރަހައްދެއް-- ފޮޓޯ: ޕީއެސްއެެމް
އެންމެ މަޤްބޫލު
ޕާކިން އިމާރާތްތަކުގައި ޕަބްލިކް ޕާކިންގެ ގޮތުގައި 20 އިންސައްތަ ހަމަޖައްސާ، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުޞޫލުން ތަރައްޤީ ކުރާ ޕާކިންގ އިމާރާތްތަކާ ގުޅޭ ޤަވައިދެއް އެކުލަވާލައިފި އެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ގަވާއިދުގެ ބޭނުމަކީ މަގުތަކުގެ ތޮށްޖެހުން ކުޑަކޮށް، ޕާކިންގ ޖާގަ އިތުރު ކުރުމާއި، ޕާކިންގ ޖާގަ ކުއްޔަށް ދިނުމުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ހޯދުމުގައި ލުއިފަސޭހަ ގޮތެއް ހޯދައި ދިނުންކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޕާކިންގ އިމާރާތުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިންތައް ހިމަނަންޖެހެ އެވެ. އެގޮތުން ޕާކިންގ އިމާރާތުގެ ކުރެހުންތަކުގައި ކަނޑައަޅާފައިވާ މިންވަރަށް ޕާކިންގ ޖާގަ އިމާރާތުގައި ހުންނަން ޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އަދި ޕާކިންގ އިމާރާތުގައި ކަނޑައަޅާފައިވާ ޖުމްލަ ޕާކިންގގެ ތެރެއިން އިން ފުރޮޅާއި، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕްރައިވެޓް ޕާކިންގގެ ގޮތުގައި 80 އިންސައްތައަށްވުރެ އިތުރުނުވާނެހެން ޙާއްސަކުރަންޖެހެ އެވެ.
މި ޤަވާއިދުގައިވާ ގޮތުން، ޕާކިންގ އިމާރާތުގެ ޖުމުލަ ޕާކިންގެ މަދުވެގެން 20 އިންސައްތަ ޕަބްލިކް ޕާކިންގގެ ގޮތުގައި ޚާއްސަކުރަންޖެހެ އެވެ. އަދި ޕަބްލިކް ޕާކިންގެ ތެރެއިން މަދުވެގެން ފަސް އިންސައްތަ، ދެ ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ޕާކިންގ ޖާގައިގެ ގޮތުގައި ކަނޑައަޅަންވެސް ޖެހެ އެވެ.
ޕާކިން އިމާރާތްތައް ތަރައްޤީ ކުރާއިރު އިމާރާތުގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް ރައްކާތެރިކަމާއެކު ދުއްވައިފައި ދެވޭނޭހެން އިމާރާތް ފަރުމާކޮށްފައި ހުންނަން ޖެހެ އެވެ. އަދި އުޅަނދުތަކަށް ފަސޭހައިން ސްލޮޓަށް ދެވޭނެ ރައްކާތެރި ނިޒާމެއް ގާއިމުކޮށްފައި ހުންނަންޖެހޭއިރު، ޕާކިންގ ސްލޮޓުގެ ސަރަހައްދު ފާހަގަކޮށް އެ ސްލޮޓަށް ކަނޑައަޅައިފައި އޮތް އުޅަނދުގެ ނަންބަރު ޖަހައިފައި ހުންނަން ޖެހެ އެވެ. ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުޅަނދުގެ ޕާކިންގ ސްލޮޓް ވަކިކޮށްދީފައި ހުންނަންވާނެކަމަށް ޤަވާއިދުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ޕާކިންގ އިމާރާތުގައި އުޅަނދަށް މަގު ދެއްކުމަށް ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ މެޓީރިއަލަކުން މަގު ދައްކާ ނިޝާންތައް ހަރުކޮށްފައިވެސް ހުންނަންޖެހޭކަމަށް އުސޫލުގައިވެ އެވެ.
މި ޤަވާއިދުގައި ބުނެފައިވާ ވާގޮތުން ޕްރައިވެޓް ޕާކިންގެ ޖާގަތައް ދަތުރުފަތުރާ ބެހޭ ވުޒާރާގައި ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި އެފަދަ ރަޖިސްޓްރީއެއް ދޫކުރާނީ ޚިދުމަތުގެ ފީގެ ގޮތުގައި 300 ރުފިޔާ ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ. ޕްރައިވެޓް ޕާކިން ޖާގައެއް ވިއްކާލެވޭނީ މަދުވެގެން އަށް އަހަރުދުވަހުގެ މުއްދަތަކަށެވެ.
ޕާކިންގ އިމާރާތްތަކުގެ ޕަބްލިކް ޕާކިންގ ޖާގައިގެ ގޮތުގައި އާންމުންނަށް އުޅަނދުތައް ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި އެކަން އެނގޭނެ ފަދަ ޕާކިންގ އިމާރާތުގެ ޗާޓެއް އެކުލަވާލަންޖެހެ އެވެ. އެގޮތުން މި ޗާޓު މާލެ ސަރަހައްދުގައި ނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާއަށް އަދި ރަށެއްގައި ނުވަތަ ސިޓީއެއްގައިނަމަ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭކަމަށްވެސް ބުނެފައިވެ އެވެ.
ޕާކިންގ އިމާރާތްތަކުގައި ޕަބްލިކް ޕާކިންގގެ ގޮތުގައި ކަނޑައަޅާ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރުމުގެ ފީ ނަގައިގެން ދޫކުރާ ޖާގަތަކާއި، ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރެވޭނެ އުސޫލުވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށާއި، މުއްދަތު ހަމަނުވާ ޞައްޙަ ވިސާއެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް މިފުރަސަތު ލިބިގެންދާނެ އެވެ.
މި ގަވާއިދުގައިވާ ގޮތުން، ޕާކިންގ އިމާރާތްތަކުގައި ފީ ނަގައިގެން ޕާކުކުރުމަށް ދޫކުރާ ޕަބްލިކް ޕާކިންގގެ ޖާގަތަކުގެ ތެރޭގައި ހިމެނެނީ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރެވޭ ޖާގަތަކަށް ނަގާފީގެ އިތުރުން ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތަކުގެ ކުއްޔެވެ. މި އަގު ކަނޑައަޅާނީ އެ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާ އޮޕަރޭޓްކުރާ ފަރާތުންކަމަށްވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުޞޫލުން ތަރައްޤީ ކުރާ ޕާކިން އިމާރާތްތަކާ ގުޅޭ ޤަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.