ENGLISH

25 މޭ 2026

Advertisement

އައްޑޫގައި މިފްކޯގެ ފިހާރައެއް ހުޅުވަނީ

25 މޭ 2026

|

އައިމިނަތު ޝަފާ

މިފްކޯ މަސްފިހާރަ. ފޮޓޯ؛ މިހާރު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިއުލާން ކުރައްވައިފި އެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ވަޒީރު ވަނީ އައްޑޫގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެ މައްސަލަ ހައްލުކުރުމަށް ހިތަދޫ އައިސްޕްލާންޓާ އިންވެގެން އޮތް ބިން ކައުންސިލުން ހަމަޖައްސައިދީފިނަމަ، އެ ސަރަހައްދުގައި އެސްޓީއޯގެ ފިއުލް ޝެޑެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ކުރިން ގަމުން ތެޔޮ ގަތުމުގެ ހިދުމަތް ހަވީރު ހަތަރެއްޖެހުމާއެކު މެދުކަނޑާލި ނަމަވެސް، މިހާރު ރޭގަނޑު 10 ޖަހަންދެން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެެ. 

ހުޅުމީދޫގައި ހުންނަ އައިސްޕްލާންޓް މެދުވެރިކޮށް މިފްކޯގެ ބައެއް އުފެއްދުންތައް ލިބެމުން އައި ނަމަވެސް ހިދުމަތް ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ފިހާރައެއް ހުޅުވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

"މިފްކޯގެ އުފެއްދުންތައް މި ސިޓީގެ އެއްފަސްވެފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެން. އައިސްޕްލާންޓް މެދުވެރިކޮށް މަސްދަޅާއި، ވަޅޯމަހާއި ރިހާކުރު ފަދަ ތަކެތި މިހާރުވެސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައި. ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިފްކޯގެ ހުރިހާ ބާވަތެއް ލިބޭނެ ފިހާރައެއް ހުޅުވިގެންދާނެ،" ވަޒީރު ވިދާޅުވި އެވެ. 

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އެމްޑީޕީން ކުރި ކަމެއްގެ ގޮތުގައި ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ މިކަމުގައި އެއްވެސް ހަރުދަނާ މަސައްކަތެއް އެމްޑީޕީން ނުކުރާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ މެނިފެސްޓޯގެ އެންމެ ކުރީގައި އޮތީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުންކަމަށާއި އޭގެ ތެރޭގައި ޓެރިފް ކުޑަކުރުން ހިމެނޭކަމަށެވެ. 

އެމަނިކުފާނު ހަމައެކަނި އެހެން ވިދާޅުވީ ނޫންކަމަށާއި އިނގިރޭސި ސަރުކާރާ ގުޅިގެން އަމަލީ މަސައްކަތްތައް ވެސް ކުރެއްވި ކަމަށެވެ. 

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމީ ރައީސްގެ މި މަސައްކަތްޕުޅުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު