ENGLISH
24 މޭ 2026
ވޯލްޑް ކަޕްގެ ކުރިން ކޮންގޯގެ ކުޅުންތެރިން އެކެހެރިވުމަށް އަންގައިފި
24 މޭ 2026
|
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގައުމީ ފުޓްބޯޅަ ޓީމު: އެ ގައުމުގައި ފެތުރެމުންދާ އެބޯލާ ބަލީގެ ސަބަބުން ވޯލްޑް ކަޕަށް ދިއުމުގެ ކުރިން އައިސޮލޭޓް ވުމަށް ވަނީ އަންގާފައި. --
އެންމެ މަޤްބޫލު
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގެ ސަބަބުން، އެ ގައުމުގެ ގައުމީ ފުޓުބޯޅަ ޓީމު ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމުގެ ކުރިން ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން، ކޮންގޯގެ ކިންޝާސާގައި ބޭއްވުމަށް، ކުރިން ހަމަޖެހިފައި އޮތް ތަމްރީނު ކޭމްޕް ވެސް ކެންސަލްކޮށް، އެ ޓީމުން މިހާރު ތަމްރީނުތައް ކުރިއަށް ގެންދަނީ ބެލްޖިއަމްގައެވެ.
ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ޖޫލިއާނީ ވިދާޅުވި ގޮތުގައި، ކޮންގޯގެ ޓީމުން ބެލްޖިއަމްގައި ތިބޭއިރު އެހެން ބަޔަކާ ބައްދަލުނުވާނެ ފަދަ "ބަބަލް" އެއްގެ ތެރޭގައި ތިބެންޖެހޭނެއެވެ. އަދި މި އުސޫލަށް އަމަލުނުކޮށްފިނަމަ އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ވެސް އޭނާ އިންޒާރު ދެއްވިއެވެ.
އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ވަނީ، ފާއިތުވި 21 ދުވަހު ކޮންގޯ، ޔޫގަންޑާ ނުވަތަ ދެކުނު ސޫދާނުގައި އުޅެފައިވާ އެމެރިކާގެ ރައްޔިތުން ނޫން މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައެވެ.
ކޮންގޯގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ގައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިން ކަމަށްވުމާއި، ކޮންގޯގައި ބާއްވަން އުޅުނު ތަމްރީނު ކޭމްޕް ކެންސަލްކޮށްފައިވާތީ، މި ފިޔަވަޅުތަކުގެ ސަބަބުން ކުޅުންތެރިންނަށް މާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، ޓީމާ އަލަށް ގުޅޭ އެއްވެސް މީހަކު ހުރިނަމަ، އެމީހަކު ޓީމާ ގުޅެންވާނީ ވަކި "ބަބަލް" އެއްގެ ތެރޭގައި ހުރެގެން ކަމަށްވެސް ޖުލިއާނީ ފާހަގަކުރެއްވިއެވެ.
ޖޫލިއާނީ ވިދާޅުވި ގޮތުގައި، ކޮންގޯގެ ޓީމާ އިތުރު ބަޔަކު ގުޅޭނަމަ، އެ މީހުން ބައިތިއްބަންވާނީ ޓީމުގެ މެންބަރުންނާ އެކަހެރިކޮށް، ވަކި "ބަބްލް" އެއްގެ ތެރޭގައެވެ.
"މި މީހުންގެ ތެރެއިން އެކަކުގެ ކިބައިން ނަމަވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ، މުޅި ޓީމަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވެ ކުޅުމުގެ ފުރުސަތު ގެއްލުމުގެ ބިރު އެބައޮތް،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ޑަބުލިއުއެޗްއޯއިން، ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގެ ސަބަބުން އާންމު ސިއްހަތަށް އޮތް ނުރައްކަލުގެ ހާލަތު، މަތީ ދަރަޖައިން އެންމެ މަތީ ދަރަޖައަށް މަތިކޮށްފައެވެ.
ކޮންގޯ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވުމަށް، އަންނަ މަހުގެ 3 ވަނަ ދުވަހު ބެލްޖިއަމްގައި ޑެންމާކާ ދެކޮޅަށް އަދި އަންނަ މަހުގެ 9 ވަނަ ދުވަހު ސްޕެއިންގައި، ޗިލީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ވޯލްޑް ކަޕް އަންނަ މަހު 11 އިން ޖުލައި 19 އަށް ކުރިޔަށް ގެންދާއިރު، ކޮންގޯ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 17 ގައި ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.