ENGLISH

24 މޭ 2026

Advertisement

އެމެރިކާ ދޫކޮށް އީރާން ޓީމުގެ ކޭމްޕް މެކްސިކޯއަށް

24 މޭ 2026

އީރާން ގައުމީ ޓީމުގެ ކުޅުންތެރިން ---

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި އީރާނުގެ ޓްރެއިނިން ބޭސް މެކްސިކޯއަށް ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ. 

އެމެރިކާ އާއި އިސްރާއީލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރަމައިގެ ސަބަބުން، މި ފަހަރުގެ ވޯލްޑް ކަޕަށް އީރާން ނުދާނެ ކަމަށް އެންމެ ފުރަތަމަ ބެލެވުނެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުގައި އީރާނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އެމެރިކާގައެވެ.

އީރާނުގެ ޓްރެއިނިން ބޭސް މެކްސިކޯއަށް ބަދަލުކޮށްފައިވާކަން އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖު ހޮނިހިރު ދުވަހު އިއުލާންކުރެއްވީ އެ ފެޑެރޭޝަނުން ނެރުއްވި ބަޔާނެއް މެދުވެރިކޮށެއެވެ. އެމެރިކާގެ ބަދަލުގައި މެކްސިކޯގައި ކޭމްޕުކުރުމުގެ ހުއްދަ ފީފާއިން ދީފައިވާ ކަމަށް ތާޖު ވިދާޅުވި ނަމަވެސް، އެކަން ފީފާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެރިޒޯނާގެ ސިޓީއެއް ކަމަށްވާ ޓޫސާންގައި އީރާނުގެ ތަމްރީނުތައް ހަދަން ހަމަޖެހިފައި އޮތް ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނާއި، ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން އީރާނުން މި ފިޔަވަޅު އަޅަން ނިންމިއިރު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނާ ގޮތުގައި މިހާރު އެ ޓީމު ކޭމްޕުކުރާނީ ސެން ޑިއޭގޯގެ ދެކުނުގައި އޮންނަ މެކްސިކޯގެ ސިޓީއެއް ކަމަށްވާ ޓިއުވާނާގައެވެ.

"ވޯލްޑް ކަޕުގައި ބައިވެރިވާ ގައުމުތަކުގެ ހުރިހާ ޓީމެއް ބޭސް ކޭމްޕަކީ ފީފާއިން ފާސްކޮށްފައިވާ ކޭމްޕުތަކަކަށް ވާން ޖެހޭނެ،" ތާޖުގެ ބަޔާނުގައި ބުނެފައިވެއެވެ. "ނަސީބަކުން އަޅުގަނޑުމެން ހުށަހެޅި ރިކުއެސްޓުތަކާއި، އިސްތަންބޫލުގައި ފީފާ އާއި ވޯލްޑް ކަޕުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ތެހެރާނުގައި ފީފާގެ ސެކްރެޓަރީ ޖެނެރަލްއާއެކު ބޭއްވި ވެބިނާ ބައްދަލުވުމަށްފަހު، އެމެރިކާއިން މެކްސިކޯއަށް ޓީމުގެ ބޭސް ބަދަލުކުރުމަށް އެދުނު އެދުން ފާސްވި."

އީރާނުގެ ހިމެނޭ ގްރޫޕް ޖީގެ މެޗުތައް އެމެރިކާގެ ދެ ސްޓޭޓެއްގައި ކުޅޭއިރު، ޖޫން 16 ގައި ނިއުޒީލެންޑާއި، އޭގެ ހަ ދުވަސް ފަހުން ބެލްޖިއަމާ ބައްދަލުކުރާ މެޗު ކުޅޭނީ ކެލިފޯނިއާގެ އިންގަލްވުޑްގައެވެ. އަދި ޖޫން 27 ގައި މިސްރާ ދެކޮޅަށް އީރާން ނުކުންނަ މެޗު ތާވަލުކޮށްފައިވަނީ ވޮޝިންޓަން ސްޓޭޓުގެ ސިއަޓަލްގައެވެ.

އީރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަން ކަށަވަރުނުވާނެ ކަމަށް ބަލައި، އެ ޓީމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށްވެސް އެ ގައުމުން އެދުނެވެ. އެކަމަކު ފީފާއިން އެ ގޮތަށް ހަދައިދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު