ENGLISH
24 މޭ 2026
ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިސް ތެރެއަކުން ނުނެގޭނެ، އެ ފުރުސަތެއް ނުދޭނަން: އަބްދުއްރަޙީމް
23 މޭ 2026
|
އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްއެމް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެންނެގޭވެ ކަމަށާއި، އެ ފުރުޞަތު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ އައްޑޫގައި ކުރިއަށްދިޔަ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަބްދުއްރަޙީމް މިފަދައިން ވިދާޅުވިއިރު، މިއަހަރު ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވިއެވެ. ނަޝީދު މިފަދައިން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ޓިކެޓަށް އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ޤައުމަށް ކުރިއެރުން ގެނެސްދޭނެ މެންބަރެއް ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫން. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ. މި ސަރުކާރާ އެކީގަ. ޕީއެންސީއާ އެކީގަ" އިދިކޮޅު އެމްޑީޕީއަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މާޒީއަށް ބެލުމުން ޔަގީންވަނީ ހިތަދޫ އުތުރުގެ ގޮނޑި ޙައްޤުވަނީ ޕީއެންސީއަށް ކަމެވެ. އެއީ އައްޑޫ ރައްޔިތުންގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓެއް އައްޑޫ ރައްޔިތުން ބޭނުންނުވާނެތީ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ލިޔެކިޔުންތަކުގައި ހުޅުޖެހި މީހަކު މަޖިލީހުގެ ގޮނޑިއަށް ގެންނަން ނުވާނެކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީއަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވަން އެއްކަމެއްވެސް ކުރާ އަދި ކުރެވޭނެ ބައެއް ވެސް ނޫން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންވެ ހިތަދޫ އުތުރުގެ ގޮނޑިއަށް އެމްޑީޕީގެ ސޯދިގު ވަޑައިގެން ކުރައްވާނެ އިތުރުކަމެއް ވަކި ނޯންނާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށެވެ.
ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މީގެކުރިން ފުރުއްވި މުޙައްމަދު ސިނާން (ސިނާ) ގެ މަސައްކަތް ބަލައިގަނެ ޝުކުރުއަދާކުރައްވައިފައެވެ. އަދި، ސަޢީދުއާ އެކު ނުކުމެ ހިތަދޫ އުތުރުގެ ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރާނީ ސިނާއާ އެކުގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޖޫން 6 ވަނަ ދުވަހު އެވެ.