ENGLISH

24 މޭ 2026

Advertisement

ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަން ފަށާނީ ޖުލައި 30 ގައި

23 މޭ 2026

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ މެޗެއްގެ ތެރެއިން: ރާއްޖެ ސުޕަރ ލީގު ފިރިހެން ޑިވިޝަންގެ ކުޅުން އަންނަ ޖުލައި 30 ގައި ފެށުމަށް ވަނީ ނިންމާފައި -- ފޮޓޯ: ވީއޭއެމް

ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން އަންނަ ޖުލައި މަހުގެ 30 ގައި ފެށުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހަމަޖައްސައި، ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މުޅި ރާއްޖެއަށް ވޮލީ ފުޅާކޮށް، ވޮލީގެ ދާއިރާއިން ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ފަހިކުރުމަށް އިންތިޒާމުކުރި ރާއްޖެ ސުޕަރ ލީގުގެ އަންހެން ޑިވިޝަން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ބާއްވާފައެވެ. އޭރު މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން މެއި މަހުގައި ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ފިރިހެން ޑިވިޝަނުގެ ކުޅުން ޖުލައި މަހު ފެށުމަށް ބަދަލުކުރި ސަބަބެއް ވޮލީބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެ އެސޯސިއޭޝަނުން ކުރި އިއުލާންގައި ބުނާ ގޮތުން ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަން ފަށާނީ ޖުލައި 30 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. އަދި މުބާރާތް ހުޅުވާލެވިފައިވަނީ ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ކައުންސިލަކުންވެސް ބައިވެރި ކުރެވޭނީ 1 ޓީމު ކަމަށް ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ލިސްޓު ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. 

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ފޯމާއި ޓީމު ލިސްޓް ހުށަހަޅަން ޖެހެނީ ވޮލީ އެސޯސިއޭޝަންގެ މެއިލް [email protected] އަށެވެ.

މި އަހަރު ބޭއްވި ރާއްޖެ ސުޕަރ ލީގުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 7 ޓީމެއް ވާދަކުރިއެވެ. އެއީ  ލ. ގަން، ށ. ފުނަދޫ، ކ. މާފުށި، އައްޑޫ ސިޓީ، ލ. މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލެ ސިޓީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މާބައިދޫންނެވެ.

މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު