ENGLISH

24 މޭ 2026

Advertisement

ދެވަނަ މެޗުގައި އިންޑިއާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މޭ 2026

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ކާވާ

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުން އިންޑިއާ އަތުން ބަލިވެއްޖެއެވެ.

މި މަހުގެ 22-29 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުން ބަލިވީ އިންޑިއާ އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 25-9، 25-14 އަދި 25-17 އިންނެވެ.

މި މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވިއިރު، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީން ދާދި ފަހުން އިއުލާންކުރި ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 70 ވަނައިގައެވެ. ރާއްޖެ 63 ވަނައިގައި އޮތްއިރު، ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ލިބެނީ ދެވަނައެވެ. އަދި އިންޑިއާ އޮތީ މި ސަރަހައްދުގެ ހަތަރުވަނައިގައެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ޖުމުލަ 8 ޓީމެއް ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި، ކިރްގިސްތާން އަދި އިންޑިއާއެވެ. އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި، ކަޒަކިސްތާނާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

ރާއްޖެއިން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުން ވަނީ ވަރުގަދަ ކިރްގިސްތާން އަތުންވެސް ސީދާ ތިން ސެޓުން ބަލިވެފައެވެ. މުބާރާތުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި މާދަމާ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް އިރުޝާދުދެނީ އަޙްމަދު ނަދީމް (ނަދީމްބެ) އެވެ. އަދި އެސިސްޓަންޓް ކޯޗުންނަކީ ފަތުހުﷲ ވަހީދާއި އައިމިނަތު ޒީނާއެވެ.

ކިޔުންތެރިންގެ ހިޔާލު