ENGLISH
22 މޭ 2026
އިންގްލެންޑުގެ ސްކޮޑުން މެގުއާ، އާނޯލްޑް، ފޯޑެން އަދި ޕާމާއަށް ފުރުސަތެއް ނެތް
22 މޭ 2026
އެންމެ މަޤްބޫލު
މެންޗެސްޓާ ޔުނައިޓެެޑުގެ ޑިފެންޑަރު ހެރީ މެގުއާ، ރެއާލް މެޑްރިޑުގެ ފުލްބެކް ޓްރެންޓް އަލެކްޒެންޑަރ-އާނޯލްޑް، މެންޗެސްޓާ ސިޓީގެ ފޯވާޑް ފިލް ފޯޑެން އަދި ޗެލްސީގެ ފޯވާޑް ކޯލް ޕާމާ ނުހިމަނައި، އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން މެގުއާ، އާނޯލްޑް، ފޯޑެން އަދި ޕާމާގެ އިތުރުން ނިއުކާސަލް ޔުނައިޓެޑުގެ ޒުވާން ފުލްބެކް ލެވިސް ހޯލް، ނޮޓިންހަމް ފޮރެސްޓުގެ މިޑްފީލްޑަރު މޯގަން ގިބްސް-ވައިޓް، މެންޗެސްޓާ ޔުނައިޓެޑުގެ ފުލްބެކް ލޫކް ޝޯ، ކްރިސްޓަލް ޕެލަސްގެ ޒުވާން މިޑްފީލްޑަރު އެޑަމް ވާޓަން އަދި ޗެލްސީގެ ޒުވާން ޑިފެންޑަރު ލީވައި ކޯލްވިލްއަށްވެސް ފުރުސަތެއް ނެތެވެ.
އޭގެ ބަދަލުގައި ޓުޗެލް ވަނީ ބްރެންޓްފަޑަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، ޓޮޓްނަމް ހޮޓްސްޕަރގެ ފުލްބެކް ޖެޑް ސްޕެންސް، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް، ނިއުކާސަލް ޔުނައިޓެޑުގެ ޑިފެންޑަރު ޑޭން ބާން، ބަޔާ ލެވަކޫސަންގެ ޑިފެންޑަރު ޖަރަލް ކުއަންސާ އަދި އަލް-އަހްލީގެ ފޯވާޑް އައިވަން ޓޯނީ ސްކޮޑުގައި ހިމަނާފައެވެ. އެއާއެކު ޓުޗެލްގެ މި ސްކޮޑަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި މެގުއާ ބުނީ ވޯލްޑް ކަޕަށް އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމެނޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށެވެ. އަދި މި ސީޒަނުގައި ދެއްކުނު ކުޅުމާއެކު އޭނާ ހުރީ މި ފަހަރުގެ ވޯލްޑް ކަޕުގައި މުހިންމު ދައުރެއް އަދާކޮށް، ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށްވެސް ވަނީ ބުނެފައެވެ.
މެގުއާގެ އެ ވާހަކަތަށް ރައްދުދެމުން މީގެ ކުރިން ޗެލްސީ އާއި، ޕީއެސްޖީ އަދި ބޮރޫޝިއާ ޑޯޓްމުންޑަށް އިރުޝާދުދިން ޖަރުމަނުގެ ކޯޗު ޓުޗެލް ބުނީ އޭނާ ހައިރާންވި ނަމަވެސް، މެގުއާގެ އެ ވާހަކަތަކަށް އިހުތިރާމުކުރާ ކަމަށެވެ. އަދި މެގުއާ އަކީ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެއް ކަމަށާއި، މި ސީޒަނުގައި އޭނާ މޮޅަށް ކުޅުނު ކަމަށްވެސް ވަނީ ބުނެފައެވެ.
ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، މި ސްކޮޑަށް އިތުބާރު އެބައޮތް ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.