ENGLISH

22 މޭ 2026

Advertisement

ރައީސް ވިދާޅުވީ ޗާޓުން ބޭރުން ސަރުކާރު ބަދަލުކުރާ ވާހަކަދެއްކުމުގެ މާނައެއް ނެތް ކަމަށް

22 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު

ޗާޓުން ބޭރުން ސަރުކާރު ބަދަލުކުރުމުގެ ވާހަކަދައްކައި ގައުމުގެ ސިޔާސީ ހަމަޖެހުން ނަގާލުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

"ނޭޝަން ޗެޓް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެކުރިން ހިނގި ވެރިކަންތަކުގައި މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށްލުން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ސިޔާސީ ގޮތުން ޖަލަށްލީ މީހަކު ނުހުންނާނެކަމަށާއި އެއީ ބޮޑު ކާމިޔާބީއެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ. 

އިސްލާމް ދީނާއި ޤާނޫނުއަސާސީގައި ހުރި ކަންކަމަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒު ކުރާނެ ކަންކަން ކަމަށާއި އެކަމުގައި ސިޔާސީ މީހަކު ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވި އެވެ. އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަންޖެހޭކަމަށާއި، އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭ ވަރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދަވާނެކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ޒިންމާ އެމަނިކުފާނަށް އޮންނަ ފަދައިން ގައުމުގެ ހަމަޖެހުން ގާއިމު ކުރުމުގެ ޒިންމާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެވެސް އޮންނާނެކަން ކަމަށެވެ.

"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި އަމިއްލައަށް ޕްރޮކްލެއިމް ކުރާ ފަރާތްތަކުން، މިއަދު އަޅުގަނޑު ހިތަށްއަރާ އަމިއްލަ ނަފުސާ ސުވާލުކޮށްލަންވާނެއޭ ތިމަންނަމެނަށް މިދެއްކެނީ އަމަލާ ބަހާ ދިމާވާ ވާހަކައެއް ބާވައޭ. އެހެން މިދަންނަވާ ސަބަބަކީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް، އެ ސަރުކާރަކުން މަސައްކަތް ކުރަމުންދާއިރު، ޑިމޮކްރެޓިކް ހަމައިން ބޭރުން، އެބޭފުޅުން ބަހުރުވައިންވިއްޔާ ޗާޓުން ބޭރުން އެ ސަރުކާރެއް ބަދަލުކުރަން މަސައްކަތް ކުރުމާއި ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމާ، އަޅުގަނޑު މި ޔަގީންކޮށްދިން ސިޔާސީ މިނިވަންކަން އެ ނަގާލަން އަމިއްލައަށް މި ކުރާ މަސައްކަތުގެ މާނައެއް އެބައޮތްބާވައޭ؟،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އިސްލާމީ ހަމަތަކާއި ޤާނޫނުއަސާސީގެ އިމުގެ ބޭރުން، ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ފިތުނަ އުފެދޭގޮތަށް، ގައުމު ހަލަބޮލިކޮށް ޑިމޮކްރަޓިކް ނިޒާމު ފުނޑާލެވޭފަދަ މަސައްކަތްތައް ކުރުމަކީ ހައްގެއް ކަމަށް ބަޔަކު ދެކުނުނަމަވެސް އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު