ENGLISH

22 މޭ 2026

Advertisement

މައްކާގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒް ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޯދަނީ

22 މޭ 2026

|

އައިމިނަތު ޝަފާ

މޮރޮކޯގައި އޮންނަ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިޔަކު ހޮވުމަށް ބޭއްވި އޮޑިޝަނުގެ ތެރެއިން- ފޮޓޯ: ޤުރްއާނާ ބެހޭ މަރުކަޒު

މި އަހަރު ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބާއްވާ 46 ވަނަ "ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގެ ދެ ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއެއް، ހޮވާނެ ކަމަށެވެ.

މި މުބާރާތަށް ބައިވެރިން ހޮވުމުގައި ބަލާނެ އާންމު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ 14 އޮގަސްޓް 2002 އަށް ވުރެ ފަހުން އުފަންވެފައިވާ ފަރާތަކަށްވުމާއި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމުގެ އިތުރުން މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުމެވެ.

ބައިވެރިވާ ކެޓަގަރީތަކަށް ޚާއްޞަކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ،  މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއި ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމެވެ. 

ޤުރްއާނާ ބެހޭ މަރުކަޒުން ބުނިގޮތުގައި، މި މުބާރާތަށް ބައިވެރިން، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހު އެވެ. ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދޭނެ އެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވާން ގޫގުލްފޯމް ހުށަހަޅަންޖެހެ އެވެ. 

ކިޔުންތެރިންގެ ހިޔާލު