ENGLISH

22 މޭ 2026

Advertisement

ބޮޑު ތިން މައްސަލަ: ރައީސް ވިދާޅުވެ ދެއްވީ ކުރީ ދެވެރިކަމާއި މިވެރިކަމުގެ ކާމިޔާބީގެ ފަރަގު

22 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ މައްސަލައާ މަސްތުވާތަކެތީގެ މައްސަލަ އަދި ގޭންގު ކުށްތަކާއި ގުޅޭ މައްސަލަތައް ޙައްލުކުރުމުގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީ، ކުރީ ދެ ވެރިކަމުގައި މި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި އަޅާ ކިޔުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

އެމަނިކުފާނު އެ ތަފްސީލު ހާމަކުރެއްވީ ޕީއެސްއެމް އިން އުފައްދާ  "ނޭޝަން ޗެޓް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމްއެމްޓީވީން ވެސް ގެނެސްދޭ މި ޕްރަގްރާމްގައި ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލައާ މަސްތުވާތަކެތީގެ މައްސަލަ އަދި ގޭންގު ކުށްތަކާއި ގުޅޭ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާއީ ތިން މައްސަލަ ކަމަށެވެ.

އެ މައްސަލަތައް ޙައްލުކޮށް ދާއީމީ ގޮތެއްގައި އެކަންކަން ހުއްޓުވަން ޚާއްސަ އިސްކަމެއް ދެއްވައިގެން މުހިންމު މަސައްކަތްތަކެއް މިދިޔަ ދެ އަހަރާއި ހަމަސް ދުވަސްތެރޭ ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ވަރަށް ފޮނި ނަތީޖާ ވެސް ފެންނަން އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކުރީގެ ދެ ވެރިކަން ކަމުގައިވާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމާއި ރައީސް ސޯލިޙްގެ ވެރިކަމުގައި މި ތިން މައްސަލަ ޙައްލުކުރެއްވުމަށް އެ ދެ ވެރިކަމުގެ ފުރަތަަމަ ދެ އަހަރާއި ބައިގައި ކުރެވުނު މަސައްކަތާއި މި ސަރުކާރުގެ އެ މުއްދަތުގައި ކުރެވުނު މަސައްކަތުގެ ތަފާސް ހިސާބު ހިއްސާ ކުރައްވާފަ އެވެ.

ޤަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ޙައްލުކުުރުން - މި ސަރުކާރަށް އޭ ސްޓާއެއް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ސިޔާސަތެކެވެ. އެކަމަށް ތަފާތު ނަންނަމުގައި އެކި މަސައްކަތްތައް ފަށަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމާއި ރައީސް ސޯލިހްގެ ވެރިކަމުގައި އެކަށީގެންވާވަރާ ގާތަށްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.

ނަމަވެސް ރައީސް މުޢިއްޒު ވިދާޅުވީ އެ މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރުން ވަރަށް ސީރިއަސްކަމާއެކު މަސައްކަތްކޮށް ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. އެކަން ހިސާބުތަކުން ތަފްސީލުކޮށްދެއްވި އެވެ.

އެގޮތުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަ ކުރެއްވި އެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި 2013 ވަނަ އަހަރުން 2021 ވަނަ އަހަރަށް ބަޔޯމެޓްރިކްސް ނެގުނީ 27,200 ބިދޭސީން ކަމުގައި ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ދެ އަހަރާއި ބައިން އިތުރު ދެ ލައްކަ ހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފަ އެވެ. މައުލޫމާތު ނުނެގި ވަނީ އެންމެ ޕަސެންޓެކެވެ. އެ މީހުން ހޯދާ ޑީޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މީގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުން ޑީޕޯޓް ކުރުމަށް 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ. 2013 ވަނަ އަހަރުން 2021 ވަނަ އަހަރަށް ޑީޕޯޓް ކުރެވުނީ 2600 ބިދޭސީންނެވެ. ނަމަވެސް މި ސަރުކާރުގެ ދެ އަގަރާއި ބައިގެ ތެރޭގައި އެފަދަ 12,193 މީހުން ޑީޕޯޓްކޮށްފައިވެ އެވެ.

މިއީ މައްސަލަ ޙައްލުކުރުމަށް ރޭވުންތެރިކަަމާއި އިޚްލާސްތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ހެޔޮ ނަތީޖާ އެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުން

ރާއްޖެއަށްވެސް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ ވަބާ އެވެ. އެ ވަބާގައި ޖެހޭ ޒުވާނުންގެ އަދަދު އިތުރުވުމާއި އެ ވިޔަފާރި ފުޅާކޮށް ކުރެވެމުން ދިއުމަކީ މުޅި މުޖްތަމަޢުއަށް އޮތް ބޮޑު ނުރައްކަލެކެވެ.

މަސްތުވާތަކެތީން ސަލާމަތްވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 1294 ކިލޯގެ ޑްރަގް އަތުލައިގެންފައިވެ އެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނީ 1,003 ކިލޯގެ ޑްރަގެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ މުއްދަތުގައި އަތުލައިގަނެވުނީ 154 ކިލޯގެ ޑްރަގެވެ.

ރައީސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ދާއިމީ ގޮތެއްގައި ހުއްޓުވަން ޤާނޫނަށް ގެނެސްފައިވާ ހަރުކަށި އަދި ހަރުދަނާ ބަދަލުތައް ވެސް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެއީ މަރުގެ އަދަބު ދެވޭ ބޮޑު ކުށަކަށް ހަދާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ގޭންގު ކުށްތައް ނެތް ދެ އަހަރާއި ބައި 

ގޭންގުތައް ހިންގުމާއި އޮޕަރޭޓްކުރުމާއި އެ މީހުންގެ މެދުގައި ޖެހޭ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ހިނގާ ހަމަނުޖެހުންތަކާއި އެފަދަ ހަމަނުޖެހުންތައް މާރާމާރީތަކަށް ބަދަލުވެ މީހުން މެރުން ކަންބޮޑުވާ ދަރަޖައަކަށް ދިޔަ ދުވަސްތަކެއް ދިވެހީން ތަޖުރިބާ ކުރި އެވެ.

އެގޮތުން 2013 އިން 2016 އަށް ހިނގާދިޔަ ގޭންގު ކުށްތަކާއި މާރާމާރީތަކުގައި 12 ޒުވާނަކު ވަނީ ނިޔާވެފަ އެވެ. މިއީ ރާއްޖެ ފަދަ ޤައުމެއްގައި ވަރަށް މަތީ ނިސްބަތެކެވެ. އެ ދުވަސްވަރު ވެގެން ދިޔައީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި މުޖްތަމަޢުގައި ބޮޑެތި ކަންބޮޑުވުންތައް އޮތް ދުވަސްވަރަކަށެވެ. އަމާންކަން ނެތް ކަމުގެ އިޙްސާސް ކުރެވުނު ދުވަސްތަކަކަށެވެ.

2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ވެސް ގޭންގު ކުށްތަކުގައި ހަތް ޒުވާނަކު ނިޔާވި އެވެ.

ނަމަވެސް ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އެފަދަ ކަންކަން ހުއްޓުވަން ކުރެވުނު ޚާއްސަ މަސައްކަތްތަކާއި އަމާންކަން ޤާއިމުކުރުމަށް ދިން ބޮޑު އިސްކަމުގެ ސަބަބުން މިދިޔަ ދެ އަހަރާއި ބައި ވެގެން ދިޔައީ ގޭންގު ކުށްތައް ނެތް އަދި އެއްވެސް ޒުވާނަކު އެފަދަ މާރާމާރީއެއްގައި ނިޔާނުވެ ދިޔަ ދެ އަހަރާއި ބަޔަށެވެ.

"އަޅުގަނޑުމެންވާނީ ވަރަށް އިސްކަން ދީގެން މި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައި. އަދި އެ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން ވަރަށް ބޮޑަށް،" ރަައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ޒުވާނުން އެފަދަ ނުބައި އާދަތަކުން ދުރުވެ ވަޒީފާތަކާއި ވިޔަފާރީގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމެވެ. އަދި އެކަމަށް މަގުފަހިކުރުމަށް އެކި ސްކީމްތައް ފެށިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު