ENGLISH

21 މޭ 2026

Advertisement

އެއްތަށީން ފަރިއްކުޅުއްވުމަށްފަހު އަލުން ކޯޅުން ފެށިއްޖެ؛ ސޯލިހްގެ ވާހަކަތަކަށް ނަޝީދު ފެކްޝަނުން ހޫނު ސުވާލެއް

21 މޭ 2026

|

އަޙުމަދު ޙަމީދު

ދެ ރައީސުން އެއްތަށީން ފަރިއްކުޅުވަނީ --

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވުމުން ނަޝީދުގެ ފެކްޝަނުން ހޫނު ސުވާލެއް އަމާޒު ކޮށްފި އެވެ.

އެމްޑީޕީގެ ދެ ރައީސުންގެ ކޯޅުން އަލުން މި ފެށުނީ ދެ ރައީސުންގެ މެދުގައި ގާތްކަމާއި ގުޅުން އޮތްކަން ދެއްކުމަށް ދެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނިކޮށެވެ. ދެ ރައީސުން ވެސް ވަނީ ގުޅުން އޮތްކަން ދެއްކުމަށް އެއްތަށްޓަކުން ފަރިއްކުޅުއްވާފަ އެވެ. އެ މަންޒަރު ވީޑިއޯކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރު ކުރުވާފަ އެވެ.

މީކާއީލްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ހިންނަވަރުގައި ވާހަކަ ދައްކަވަމުން ސޯލިހް ވަނީ އޭނާ މީކާއީލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސޯލިހްގެ އެ ވާހަކަތަކާއި ގުޅިގެން ނަޝީދު ފެކްޝަންގެ އެކްޓިވިސްޓުންނާއި ނަޝީދުގެ އަރިސް ބޭފުޅުން ވަނީ ހޫނު ރައްދުތަކެއް ދީފަ އެވެ. ނަޝީދާއެކު ޑިމޮކްރެޓްސްގައި އުޅުއްވުމަށް ފަހު އަލުން އެމްޑީޕީއަށް ވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވަނީ ސޯލިހަށް ހޫނު ސުވާލެއް އަމާޒު ކޮށްފަ އެވެ.

އެގޮތުން އާ ލީޑަރުންނަށް ފުރުސަތު ދިނުމަށް ދެން އަންނަ ރިޔާސީ އިންތިހާބުގަ ވާދަނުކުރާނަމޭ ބުނަން ނުކެރިގެން ސޯލިހް އުޅުއްވަނީ ކީއްވެތޯ އާޒިމް ވަނީ ސުވާލު ކުރައްވާފަ އެވެ.

ކުރީގެ މެންބަރު އިމްތިޔާޒް ފަހްމީ ވެސް ވަނީ ސޯލިހްގެ ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ.

"...‏އާދެ، އާދެ! ވަކި ބަޔަކަށް ފަހިވާނެ، ވަކި ބަޔަކަށް ކޮންޓްރޯލްކުރެވޭނެ ބޭކަލެއް ޗެއާރ އަކަށް ގެނެވިއްޖެ ނަމަ ވަރަށް ސަޅިވާނެ އެމްޑީޕީ," ސޯލިހަށް ފާޑުވިދާޅުވެ އިމްތިޔާޒު ކުރެއްވި ޕޯސްޓްގައި ވެ އެވެ.

ރޭ އޮތް ޖަލްސާގައި ސޯލިހް ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ޒުވާނުން ގެންނަން ޖެހޭ ކަމަށާ މިއީ ކުރީގެ ވެރީން އަލުން މަޤާމުތަކަށް އަންނަންވީ ވަގުތު ނޫން ކަމަށް ތަކުރާރު ކުރައްވާ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު