ENGLISH

21 މޭ 2026

Advertisement

މިފަހަރު ވެސް މާލޭގައި އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ

21 މޭ 2026

|

ފާތުމަތު އަދާ

މި އަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަކޮށް ފާހަގަކުރުމުގެ ގޮތުން "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެމްއެންޑީއެފްއިން ނިންމަވައިފި އެވެ.

"އީދު ހަވީރު 1447" އަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ހަރަކާތެކެވެ. މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެ އެވެ.

މާލޭގައި އީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 27އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގަ އެވެ.

މި ހަރަކާތުގެތެރެއިން  ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ބުނެ އެވެ.

އެމްއެންޑީއެފްއިން ބުނީ މާލޭގައި މޭ 28ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ އެވެ.

ހުޅުމާލެގައި އީދު ހަވީރު އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. އެގޮތުން، ރެޕަލިންގ ކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެކަމަށް އެމެއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި، ފޭސް2ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގ ކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހި ފައެވެ.

ވިލިމާލެ އީދު ފާހަގަކުރުމުގެ ގޮތުން ޓްބޯޅަ ދަނޑުގައި، މޭ 27އިން 30އަށް، އީދު ހަވީރު އޮންނާނެ އެވެ. އެގޮތުން އީދު ހަވީރުގައި ރެޕަލިންގ ކުރުމުގެ ފުރުޞަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެ ކަމަށް އެމްއެންޑީއެފް ބުނެ އެވެ.

މާލެ ހުރިހާ ސަރަހައްދެއްގައި އީދު ހަވީރު އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.

ކިޔުންތެރިންގެ ހިޔާލު