ENGLISH
22 މޭ 2026
ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ހަތަރު މިލިއަން ޔޫރޯގެ އެހީއެއް
21 މޭ 2026
|
އީޔޫއިން ރާއްޖެއަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން- ފޮޓޯ: ޚާރިޖީ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް ވިލާތުގެ އިއްތިހާދު، އީޔޫއިން ހަތަރު މިލިއަން ޔޫރޯގެ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ގާތްގަނޑަކަށް ދިވެހި ރުފިޔާގެ 66 މިލިއަން ރުފިޔާއެވެ.
"ކޮމިއުނިޓީ ބޭސްޑް މަންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި އީޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އީޔޫއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރޭމުންޑޯގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި އީޔޫގެ ވަފުދުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އީޔޫއިން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ޝެރީނާ ވިދާޅުވީ، އީޔޫއަކީ އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ހާއްސަކޮށް ރާއްޖެއިން އިސްކަންދޭ މޫސުމީ ހައްލުތަކާއި ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތަކަށް އީޔޫއިން ދޭ އެހީތެރިކަން ނުހަނު ބޮޑަށް ބަލައިގަންނަ ކަމަށެވެ.
މި އެހީގެ ދަށުން ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި، ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމުގައި ކަނޑޫފާތަކުން އަދާކުރާ ދައުރު ފުޅާކޮށް، ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް" ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސީދާ އެހީތެރިވެދޭނެއެވެ.
އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ ވިދާޅުވީ، ކަނޑޫފާތަކާއި ޗަސްބިންތަކަކީ ގޮނޑުދޮށްތައް ހިމާޔަތްކޮށް ކާބަން ރައްކާކުރާ މުހިންމު ވަސީލަތްތަކެއް ނަމަވެސް، އެތަންތަން ދެމިއޮތުން ބިނާވެފައިވަނީ ދިވެހި ރައްޔިތުންގެ ސީދާ ބައިވެރިވުމާއި ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން، މި މަޝްރޫގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ތިމާވެށީގެ ގަވާއިދުތަކާއި ޕްލޭންތައް ރަނގަޅުކޮށް، އަންނާން އޮތް ޖީލުތަކަށް އޭގެ ދާއިމީ ފައިދާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްނެގުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވި ވުމަށް ފުރުސަތު ބޮޑުވާނެއެވެ.