ENGLISH

21 މޭ 2026

Advertisement

ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ގިނަ ހޭދަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް

21 މޭ 2026

|

އާމިނަތު ނުޒްލާ

ޒަކާތް ބަލައިގަތުން-- ފޮޓޯ: މިހާރު

މިއަހަރުގެ އޭޕްރީލް މަހު މުދަލު ޒަކާތުން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުނަށްކަން މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒަކާތު ހައުސްއިން އާއްއު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު ފަގީރުންނާއި މިސްކީނުންނަށް ހޭދަކޮށްފައިވަނީ 1,449,239.39 ރުފިޔާ އެވެ. މިދިޔަ އަހަރުގެ އޭޕްރީލު މަހު ހޭދަކޮށްފައިވަނީ 1,179,397.99 ރުފިޔާ އެވެ. އެހެންކަމުން މިދިޔަ އަހަރު އޭޕްރީލް މަހު ކުރި ހޭދައަށް ވުރެ، މިއަހަރު އޭޕްރީލް މަހު ކުރި ހޭދަ ވަނީ 269،841 ރުފިޔާ އިތުރުވެފަ އެވެ.  

ދެހާސް ފަންސަވީސް ވަނަ އަހަރުގެ އެޕްރީލު މަހު ޒަކާތު ހައުސްއިން ހޭދަކުރީ 2,828,118.28 ރުފިޔާ އެވެ. މިއަހަރުގެ އެޕްރީލު މަހު ޖުމްލަ 3,811,259.91 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ތަފާސްހިސާބުން ދައްކަ އެވެ.

ޒަކާތު ހައުސްއިން ބުނީ، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.

ހަރަދުތަކުގެ ތަފްސީލް:

ޟަރޫރީ ބޭނުންތައް: 2025 ގައި  42500 ރުފިޔާ ، 2026 ގައި 182،731 ރުފިޔާ

ބޭސްފަރުވާއަށް: 2025 ގައި 1،136،897.99 ރުފިޔާ، 2026 ގައި 1،266،508.39 ރުފިޔާ

ފިސަބީލިﷲ : 2025 ގައި 1،103،590.47 ރުފިޔާ، 2026 ގައި 2،167،016.73 ރުފިޔާ

ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިދިޔަ އަހަރު އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްވެފަ އެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

ހޭދަކުރި މައިގަނޑު ދާއިރާތަކަކީ:

  • މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދިން އެހީ: 290,274.76 ރުފިޔާ
  • ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 1,093,749.47 ރުފިޔާ
  • އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުން: 782,992.50 ރުފިޔާ

ދަތުރުވެރިންނަށް ދޭ އެހީ އަށް މިއަހަރު އޭޕްެރީލް މަހު އެއްވެސް ހޭދައެއް ކޮށްފައި ނުވާކަމަށްވެސް ޒަކާތު ހައުސްއިން ހާމަކޮށްފައިވެ އެވެ.

ޒަކާތު ހައުސް އިން މުދަލުޒާކާތުގެ ތަފާސް ހިސާބުތަށް ވެސް ހިއްސާކޮށްފައިވެ އެވެ. އެގޮތުން މި އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެ އެވެ.

ޒަކާތު ހައުސް އިން ބުނީ، ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް މުދަލުޒަކާތުގައި އައި ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު