ENGLISH
21 މޭ 2026
އިނގިރޭސިވިލާތުގެ ނިންމުމުން ދިވެހި މަސްވެރި އާއިލާތަކަށް ފުރިހަމަ ނަފާ ލިބިގެންދާނެ: ވަޒީރު ޝިޔާމް
21 މޭ 2026
|
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ގުންޒަރުގައި ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ
އެންމެ މަޤްބޫލު
ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމަށް އިނގިރޭސި ސަރުކާރުން ނިންމުމަކީ ދިވެހި މަސްވެރި އާއިލާތަކަށް ފުރިހަމަ ނަގާ ލިބިގެންދާނެ ކަމެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަމުގެ ދާއިރާގައި އެންމެ މުހިއްމު އިސްކަމެއްދެއްވި އެއް ކަންތައް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭން ބޭރުކުރާ މަހުގެ 20 އިންސައްތަ އެކްސްޕޯޓްކުރަނީ އިނގިރޭސިވިލާތަށް ކަމަށާއި، އެހެން ގައުމުތަކަށް ލުއިތަކެއް ލިބިފައިއޮތުމަކީ މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ކުރިމަތި ގޮންޖެހުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރާ 10 ގައުމުގެ ތެރެއިން ހަތް ގައުމީ މީގެކުރިން ޑިއުޓީ ފްރީކޮށް އެކަންކުރަމުން އައި ގައުމުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޒީރޯ ޓެރިފްގައި ގައުުމުތަކުން އެކަން ކުރަމުން ދިއުމަކީ ރާއްޖޭގެ އެކްސްޕޯޓަރުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ދިވެހިރާއްޖޭން މަސް ބޭރުކުރާ އެކްސްޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި މީގެ އާހިރު ނަތީޖާއަށް ވެގެންދާނީ ދިވެހިރާއްޖޭގެ މަސްވެރި އާއިލާތަކަށް މިކަމުގެ އެންމެ ފުރިހަމަ ނަފާ ލިބިގެންދިއުން. މަސްވެރި އާއިލާތަކުގެ ވަކީން ހާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރިންގެ ޖީބުތައް ތަނަވަސްވުމަށް ކޮށިގެންދިޔަ ވަރަށް މުހިއްމު މަގެއް މި މަގަކީ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެރިފް ކަނޑާލުމަށް މިދިޔަ ސަރުކާރުތަކުން ވެސް މަޝްވަރާތައްކޮށް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ކުރެއްވީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކަމަށާއި މިދިޔަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގެން ބޭއްވެވި ހުރިހާ ބައްދަލުވުންތަކެއްގައިވެސް ދިވެހިންނަށް އެ ލުއި ލިބޭނެގޮތް ހަމަޖައްސައިދެވޭތޯ މަސައްކަތްޕުޅު ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 18 މިލިއަން ޕައުންޑަށް ވާވަރަށް އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރާއިރު، ޓެރިފް ކަނޑާލުމަކީ އެމަސައްކަތުގައި ދެމިތިބި މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިދިޔަ ދެއަހަރު މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، މަސްވެރިކަމުގައި ސަރުކާރުގެ އަމާޒު ވަރަށް ސާފުކަމަށާއި ކުރިއަށް އޮތީ ވެސް މަސްވެރިކަމުގެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ދުވަސްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.