ENGLISH
21 މޭ 2026
ހުއްދަ ނުނަގާ 21 ބޭހެއް ދަނީ ވިއްކަމުން، ނުރައްކާ އޮތުމުން އެމްއެފްޑީއޭގެ އިންޒާރެއް
21 މޭ 2026
|
އެންމެ މަޤްބޫލު
ހުއްދަ ނުނަގާ ރާއްޖޭގައި 21 ބޭހެއް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ސިއްހީގޮތުން ނުރައްކާ އޮތްކަމެއްކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާއްމު ފަރާތްތަކަށް އަންގައިފި އެވެ.
އެމްއެފްޑީއޭއިން އިއްޔެ އާއްމުކުރި އިޢުލާނުގައި ބުނީ ބޭހާއި ބެހޭ ޤަވާއިދުގެ ދަށުން ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ، އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި އިމްޕޯޓްކުރާ ބޭސްތަކަކީ، ބޭސް ރަޖިސްޓްރީ ކުުރުމުގެ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަށްވާންޖެހޭނެކަމަށް ބުނެފައިވެއެވެ.
ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާތްތަކުން، އެކިގޮތްގޮތުން ތަފާތު ވައްތަރުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށް، އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުގައި އަދި އާދައިގެ ފިހާރަތަކުގައިވެސް މިފަދަ ބޭސްތައް ވިއްކަމުންގެންދާކަން އެމްއެފްޑީއޭއިން ބުނެފައިވެއެވެ. މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވަތްތަކަކަށް ނުވާއިރު ރައްކާތެރިކަން ވެސް ކަށަވަރުކުނުކުރެވޭކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
"މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓްކޮށް ވިއްކުމުން، އެބޭނުންކުރާ ފަރާތްތަކަށް ހީވެސްނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާންޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެެ." އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މިހާތަނަށް 21 ބޭހެއް މިގޮތަށް ވިއްކާކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ފޮޓޯތަކާއެކު ލިސްޓުވެސް އާއްމުކޮށްފައެވެ.
އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕްލެޓްފޯމްތައް އައި އާދައިގެ ފިހާރަތަކުން އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، މި މައްސަލައިގައި ރިޕޯޓްކުރުމަށް އެމްއެފްޑީއޭގެ ނަންބަރު 7200321 އަށް ގުޅުމުން އެ އޮތޯރިޓީން ވަނީ އެދިފައެވެ.