ENGLISH
20 މޭ 2026
ސްޕެއިންގެ ފާމިން ލޮޕޭޒަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ
20 މޭ 2026
|
ސްޕެއިންގެ މިޑްފިލްޑާ ފާމިން ލޮޕޭޒް: ކަނާތުފަޔަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑްކަޕްގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ--
އެންމެ މަޤްބޫލު
ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ފާމިން ލޮޕޭޒްގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާއަށް، ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 23 އަހަރުގެ ލޮޕޭޒްގެ ކަނާތު ފައިގެ ކަށިގަނޑެއް ބިނދިފައިވަނީ، ލަލީގާގައި މިދިޔަ އާދީއްތަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެ ބާސެލޯނާ 3-1 އިން މޮޅުވި މެޗުގައެވެ.
ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ބުނި ގޮތުގައި، އޭނާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ވަކި ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ.
މި އަނިޔާއާ ގުޅިގެން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ލޮޕޭޒް ބުނެފައިވަނީ، އޭނާގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އައުމަށް އުއްމީދުކުރާ ކަމަށެވެ.
ދިރިއުޅުމާއި ފުޓްބޯޅައަކީ ބައެއް ފަހަރު ހީވެސް ނުކުރާ ކަހަލަ ހިތްދަތި ގޮތްތަކެއް މެދުވެރިވާ އެއްޗެއްކަމަށާއި، އެކަމަކު މިއީ ކެރިއަރުގެ ދަތުރުގެ ބައެއްކަން ގަބޫލުކުރަންޖެހޭކަމަށް ލޮޕޭޒް އިންސްޓާގައި ލިޔެފައިވެއެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އެކަމުން އަރައިގަންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ. މީގެ އިތުރުން، ދެން އޭނާ ހުންނާނީ ގޭގައި ހުރެގެން ގައުމީ ޓީމަށާއި ކުޅުންތެރިންނަށް ސަޕޯޓްކުރުމުގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ލޮޕޭޒްއަށް ކުރިމަތިވި ހާލަތާއި ގުޅޭގޮތުން ބާސެލޯނާއަދި ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޕެޑްރީ ބުނީ މިއީ އެންމެންނަށްވެސް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއްކަމަށެވެ. ޓީމާއިއެކު އޭނާ ވަގުތު ހޭދަކުރިއިރު، އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެ، ހިތްމަރުވެފައިކަމަށާއި، އެއީ ގާތް އެކުވެރިއެއްކަމަށެވެ. އަދި އުންމީދަކީ ލޮޕޭޒްގެ ހާލަތު އަވަހަށް ރަނގަޅުވެ، އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުންކަމަށެވެ. ސަބަބަކީ ބާސެލޯނާގަޔާއި ގައުމީ ޓީމުގައިވެސް ލޮޕޭޒަކީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ، މުހިންމު ކުޅުންތެރިއެއްކަމަށްވެސް ޕެޑްރީ ވަނީ ބުނެފައެވެ.
ލޮޕޭޒަށް އަނިޔާގެ ސަބަބުން ނުކުޅެވޭކަން އިއުލާން ކޮށްފައިވާ ޕޯސްޓެއް--
ލޮޕޭޒްއަކީ މިހާތަނަށް ސްޕެއިންގެ ގައުމީ ޓީމަށް 7 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ނަގާ ސްކޮޑުގައި އޭނާ ހިމެނޭނެ ކަމަށް ބޮޑަށް ބެލެވުނެވެ.
މި ސީޒަނުގައި ލޮޕޭޒް ވަނީ ބާސެލޯނާއަށް ކުޅުނު 48 މެޗުގައި 13 ލަނޑު ޖަހައި، 17 އެސިސްޓް ހަދާފައެވެ. މިއީ އޭނާގެ ފައިގެ އިންޖަރީގެ ކުރިން ދެ ފަހަރެއްގެ މަތިން އުކުޅުވަޅަށް އަނިޔާވެފައި ވަނިކޮށް ހޯދާފައިވާ ކާމިޔާބީއެކެވެ. މީގެ އިތުރުން، އޭނާ ވަނީ ޔޫރޯ 2024 ކާމިޔާބުކުރި އިސްޕެއިން ޓީމުގައި ހިމެނި، އެ މުބާރާތުގައި 28 މިނެޓު ކުޅެފައެވެ.