ENGLISH

20 މޭ 2026

Advertisement

އެންމެ މުހިންމު މާކެޓަށް ދިވެހި މަސްވެރިކަން ހުޅުވިއްޖެ، ރައީސްގެ މަސައްކަތްޕުޅަށް ވަޒީރުގެ ތަޢުރީފު

20 މޭ 2026

|

އަޙުމަދު ޙަމީދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު --

ދުނިޔޭގެ އެންމެ މުހިންމު މާކެޓަށް ދިވެހި މަސްވެރިކަން ހުޅުވިގެން ގޮސްފައިވާ ކަމަށާ އެއީ ދިވެހި މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތުގައި ނަގާ ޓެރިފު ކަނޑައިލަދިނުމުގެ އެއްބަސްވުމަކާ ދިއުން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ވަޒީރު ވަނީ ތާރީޚީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިއީ ދިވެހި މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ވިދާޅުވި އެވެ. ޚާއްސަކޮށް ދިވެހި މަސްވެރި އާއިލާތަކާއި މަސްވެރިކަމުން ލަފާ ހޯދަމުންދާ އެކި ފަރާތްތަކާއި މަސް ބަންދުކޮށް ބޭރުކުރާ ވިޔަފާރިތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.

ވަޒީރުގެ ޕޯސްޓްގައި ވަނީ ދިވެހި މަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމެއްކަން ފާހަގަ ކުރައްވާ ދިވެހި މަސްވެރިކަމުގެ ބާޒާރު މިއަދު ހުޅުވިގެން ދިޔަައީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު މާކެޓަށް ކަމުގައި ވިދާޅުވެފަ އެވެ.

ދިވެހި މަސްވެރިކަން ކުރިއަރުވާ ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހި މަސްވެރިކަމަށް އޮތް ފުރުސަތު އިތުރުކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވައިގެން ޚާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަ ކުރައްވާ ވަޒީރު ވަނީ ރައީސްގެ މަސައްކަތްޕުޅަށް ޝުކުރުއަދާކުރައްވާ ތަޢުރީފު ކުރައްވާފަ އެވެ.

2014 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް މަސް ބޭރުކުރަމުންއައީ ޓެރިފެއް ނެތިއެވެ. އިނގިރޭސިވިލާތަކީ އެއިރު ވިލާތުގެ އިއްތިހާދުގެ ބައިވެރިއެކެވެ. ނަމަވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއެކު ވިލާތުގެ އިއްތިހާދުން ދިވެހި މަހުގެ އުފެއްދުންތަކަށް ދީފައި އޮތް ޓެރިފުގެ ލުއި އުވައިލިއެވެ. 2011 ވަނަ އަހަރު ރާއްޖެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އިތުރުވުމާއެކު، 2014 ވަނަ އަހަރާ ހަމައަށް އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ޓެރިފަކާނުލައި ވިލާތުގެ ގައުމުތަކަށް މަސް ބޭރުކުރާނެ ފުރުސަތު ލިބުނެވެ، 

2014 ވަނަ އަހަރުން ފެށިގެން 24 އިންސައްތައިގެ ޓެރިފެއް ދިވެހި މަހުގެ އުފެއްދުންތަކުން ނަގަން ފެށުމާއެކު، އެއިރުގެ ސަރުކާރުގައި ވިލާތުގެ އިއްތިހާދާއެކު ޓެރިފު ކުޑަކުރުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް، އެކަށީގެންވާ ކާމިޔާބަކާ ހަމައަށް އެ މަޝްވަރާތަކުގެ ތެރެއިން ވާސިލުނުވެވުނެވެ. އެ މަޝްވަރާތައް ކުރިއަށްދަނިކޮށް އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދާ ވަކިވުމަށް ނިންމިއެވެ. 

ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތާ މަޝްވަރާކޮށްގެން ދިވެހި މަހާއި މަހުގެ އުފެއްދުންތައް ވިލާތަށާއި އިނގިރޭސިވިލާތަށް ބޭރުކުރެވޭނެ ލުއި ގޮތްތަކެއް ހޯދައިދިނުމަކީ 2018 ވަނަ އަހަރު އެމްޑީޕީން ވެފައި އޮތް ވައުދެކެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރުވެސް ވިލާތުގެ އިއްތިހާދާއެކު އަދި އިނގިރޭސިވިލާތާއެކުވެސް މިކަމުގައި އެއްބަސްވުމަކަށް ވާސިލުވެވިފައިނެތެވެ. 

12 އަހަރުވީ މި މައްސަލަ ހައްލުކުރައްވައި ދިވެހި މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތްތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ.މުޢިއްޒު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރެއްވި އެއް މަސައްކަތްޕުޅެވެ. 

ކިޔުންތެރިންގެ ހިޔާލު