ENGLISH
20 މޭ 2026
އެމްޑީޕީއަށް ނުވި؛ ދިވެހި މަހުން ނަގަމުން އައި ޓެރިފް އިނގިރޭސިވިލާތުން ކަނޑައިދީފި
20 މޭ 2026
|
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާއި ރައީސް ޑރ.މުޢިއްޒު ބައްދަލުކުރެއްވުން
އެންމެ މަޤްބޫލު
ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ހާސިލުނުކުރެވުނު ކާމިޔާބު ހާސިލުކޮށް، ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތުގައި ނަގާ ޓެރިފު ކަނޑައިލަދިނުމުގެ އެއްބަސްވުމަކާ ހަމައަށް މި ސަރުކާރުން ގެންގޮސްދީފިއެވެ.
އެކަން އިއުލާނުކުރައްވައި އެކްސްގައި ޝާއިއިކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން މޭ، 20 2026 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާތީ އެ ގައުމުގެ ސަރުކާރަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ނިންމުމަކީ ދިވެހި ކަޅުބިލަމަހާއި ކަޅުބިލަމަހުގެ އުފެއްދުންތައް ގަންނަ އިނގިރޭސި ރައްޔިތުންނަށް ލިބުނު ލުޔަކަށްވުމުގެ އިތުރަށް، މިއީ އެކަމުން ދިވެހި މަސްވެރިކަމަށް މާނަހުރި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްފުށުގެ ދިރިއުޅުމަށް އެހީތެރިކަން ލިބި، ދިވެހިން ދެމެހެއްޓެނެވި ގޮތަށް ބާނަމުންދާ ކަނޑުމަހުގެ ވިޔަފާރި އިތުރަށް ފުޅާވާނެ ކަމެކެވެ.
ރާއްޖެަކީ ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއްކަމާއި، ޒިންމާދާރުކަމާއެކު ދެމެހެއްޓެނެވި ގޮތަށް މަސްވެރިކަންކުރުމުގައި ރާއްޖެއަކީ ދުނިޔޭގައި ނަން ހިނގާ ގައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ މި މަގުފާހަގައަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ދައްކުވައިދޭ، ދެމެހެއްޓެނެވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެ ގައުމުން ދޭ ސަމާލުކަމުގެ ދަލީލެއް ކަމުގައެވެ.
ރައީސްވަނީ ރާއްޖޭގެ އިގުތިސާދަށް މުހިއްމު މިފިޔަވަޅު އެޅުމުގައި އެހީތެރިވި ހުރިހާ އެންމެނަށާއި އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
2014 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް މަސް ބޭރުކުރަމުންއައީ ޓެރިފެއް ނެތިއެވެ. އިނގިރޭސިވިލާތަކީ އެއިރު ވިލާތުގެ އިއްތިހާދުގެ ބައިވެރިއެކެވެ. ނަމަވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއެކު ވިލާތުގެ އިއްތިހާދުން ދިވެހި މަހުގެ އުފެއްދުންތަކަށް ދީފައި އޮތް ޓެރިފުގެ ލުއި އުވައިލިއެވެ. 2011 ވަނަ އަހަރު ރާއްޖެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އިތުރުވުމާއެކު، 2014 ވަނަ އަހަރާ ހަމައަށް އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ޓެރިފަކާނުލައި ވިލާތުގެ ގައުމުތަކަށް މަސް ބޭރުކުރާނެ ފުރުސަތު ލިބުނެވެ،
2014 ވަނަ އަހަރުން ފެށިގެން 24 އިންސައްތައިގެ ޓެރިފެއް ދިވެހި މަހުގެ އުފެއްދުންތަކުން ނަގަން ފެށުމާއެކު، އެއިރުގެ ސަރުކާރުގައި ވިލާތުގެ އިއްތިހާދާއެކު ޓެރިފު ކުޑަކުރުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް، އެކަށީގެންވާ ކާމިޔާބަކާ ހަމައަށް އެ މަޝްވަރާތަކުގެ ތެރެއިން ވާސިލުނުވެވުނެވެ. އެ މަޝްވަރާތައް ކުރިއަށްދަނިކޮށް އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދާ ވަކިވުމަށް ނިންމިއެވެ.
ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތާ މަޝްވަރާކޮށްގެން ދިވެހި މަހާއި މަހުގެ އުފެއްދުންތައް ވިލާތަށާއި އިނގިރޭސިވިލާތަށް ބޭރުކުރެވޭނެ ލުއި ގޮތްތަކެއް ހޯދައިދިނުމަކީ 2018 ވަނަ އަހަރު އެމްޑީޕީން ވެފައި އޮތް ވައުދެކެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރުވެސް ވިލާތުގެ އިއްތިހާދާއެކު އަދި އިނގިރޭސިވިލާތާއެކުވެސް މިކަމުގައި އެއްބަސްވުމަކަށް ވާސިލުވެވިފައިނެތެވެ.
12 އަހަރުވީ މި މައްސަލަ ހައްލުކުރައްވައި ދިވެހި މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތްތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ.މުޢިއްޒު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރެއްވި އެއް މަސައްކަތްޕުޅެވެ. އެކަމާމެދު ފުޅާ ދާއިރާއެއްގައި އިނގިރޭސި ސަރުކާރާއެކު މަޝްވަރާތައް ކުރެވި މިހާރު މިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް ޓެރިފެއް ނެތި އިނގިރޭސިވިލާތަށް ދިވެހި މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރުމުގެ ފުރުސަތު ފަހިވެފައެވެ.
އިނގިރޭސި ބާޒާރަށް ބަލާއިރު މެރީން މެނޭޖުމެންޓު އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓުތަކަށް ބަލާއިރު 2024 ވަނަ އަހަރު އިނގިރޭސިވިލާތަށް 107،000 ޓަނުގެ ކަނޑުމަސް އެތެރެކޮށްފައިވެއެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން ކަނޑުމަހަށް އެގައުމުގައި އޮަންނަ ޑިމާންޑަކީ އަހަރުން އަހަރަށް އިތުރުވާ ޑިމާންޑެއްކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެތެރެކުރަނީ ތެލުގައި ދަޅު ބަންދުކޮށްފައި ހުންނަނަ ކަޅުބިލަމަހެވެ. އިންޑެކްސް ބޮކްސްގައި ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން އެގައުމަށް އެތެރެކުރާ ކަނޑުމަހުގެ 60 އިންސައްތަައާއި 70 އިންސައްތައާ ދެމެދުގެ އަދަދަކީ ތެޔޮ ދަޅުގައި ބަންދުކުރި މަހެވެ.
އެހެންކަމުން މިއީ ރާއްޖެއިން އަގު އެއްކޮށްގެން މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށްވާނެއެވެ. އަގު އެއްކޮށްގެން މަސް ބޭރުކުރާ މިންވަރު އިތުރުވުމުން މަސްވެރިންނަށް ލިބޭ އާމްދަނީވެސް އިތުރުވާނެއެވެ.