ENGLISH
20 އޭޕްރީލު 2025
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ
21 ޑިސެމްބަރު 2024
|
ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި މާފަންނު މުރަނގަމަގުގައި ފެންބޮޑުވެފައި.
ރޭ ދަންވަރުން ފެށިގެން ހެނދުނު ހަތެއް ޖަހަންދެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަހަރައްދުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، ގޭގެ އަށް ފެންވަދެ, ހިނގާބިނގާވެ އުޅުމަށް ދަތިވެއްޖެއެވެ.
ދަންވަރު ދޭއްޖަހާކަށްހާއިރު، ވެހެންފެށި ވާރެއިން އެންމެ ބޮޑަށް ފެންބޮޑުވީ، މާލޭގައި އާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗާއި ވެސްޓްޕާކު ސަރަހައްދުގައެވެ.
މޫސުމާ ބެހޭ އިދާރާއިން ދާދިދެންމެއަކު ކުރި އެކްސް ޕޯޓެއްގައި ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު އަށެއްޖެހުމާ ހަމަށް، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި، މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރެވެހުނީ މާލެއަށެވެ. މާލެ އަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ސިފައިންގެ ދިފާއީބާރުގެ، ފަޔަރ އިން ރެސްކިޔުއިން ފެން ހިންދުމުގެ މަސައްކަތް ފަތިސްވުމުގެ ކުރިން ފައްޓަވާފައިވެއެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ގޭގޭގައި ވެލިބަސްތާ ޖެއްސުމާއި، މަގުމަތީގައި ވެއްޓިފައިހުރި ސައިކަލުތަކާއި ހިނގާބިނގާވާ މީހުނަށް ދަތިވާ ގޮތަށް ހުރި ތަކެތި ނެގުމުގެ މަސައްކަތް ކުރެއްވިއެވެ.
އެމް.އެން.ޑީ.އެފް އިން ފަތިހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެއީ އައިޖީއެމްއެޗް، ވެސްޓްޕާކް، ވިލިމާލެ ފެރީ ޓަރމިނަލް، ދިރާގު އަދި ޖެލީ ޕިއްޒާ ހުންނަ ސަރަހައްދެވެ.
އެން.ޑީ.އެމް.އޭ އިން ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ފެން ވަން ގޭގޭގައި ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިމުގެ މަސައްކަތް ގުޅުންހުރި އިދާރާތަކާއި ގުޅިގެން، ކުރަމުން ގެންދާކަމަށެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރޭގައި ހަނދާކޮށްދީފައެވެ.
ފޮޓޯ: މޫސުމާ ބެހޭ އިދާރާ
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން، ފަސް ދުވަސް ވަންދެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެއެވެ. އެ އިދާރާއިން ވިދާޅުވާ ގޮތުގައި މި ދުވަސްވަރު ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެއެވެ.