ENGLISH

20 އޭޕްރީލު 2025

Advertisement

ކޮރަޕްޝަނާ ދެކޮޅަށް ރައީސް މުޢިއްޒު ވަރުގަދަ އިންޒާރެއް ދެއްވައިފި

20 ޑިސެމްބަރު 2024

|

ހަސަން އާމިރު

ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ހަޤީޤީ މާނައިގައި ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އެމަނިކުފާނުގެ މި އިންޒާރު އައިސްފައި ވަނީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައެއްގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުޙުމަތުތަކެއްކޮށް, ޖިނާޢީ ތަޙުޤީޤެއް ފުލުހުން ފަށާފައި ވަނިކޮށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ރައީސް  ވިދާޅުވީ، އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފި ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވައިފައެވެ.

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް ކާމިޔާބީއާ ގުޅިގެން ޝުކުރު އަދާކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސް ވަނީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ނަމަ ސަރުކާރުން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. 

"ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ހަވާލުކުރާނީ. ސަރުކާރުގެ ނިޒާމުގެ ތެރޭގައި އެފަދަ ކަންކަން ހިނގުން މަދުކޮށް ސާފު ސަރުކާރެއް އިރާދަކުރެއްވިއްޔާ ޤާއިމްކުރުމުގެ ޓާގެޓުގައި އަޅުގަނޑުމެން މިއައީ ރައްޔިތުންގެ ގާތަށް. އެއީ އަޅުގަނޑުވީ ވަޢުދެއް،" މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ ރައީސް ދެއްވި ތަޤްރީރުގައި ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް އެކިއެކި ހަފުލާތަކުގައި ރައީސް ގެންދަވަނީ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ. މި ގޮތުން މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހު ވެސް ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނެ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެކަން. ހަމަ އެެހެންމެ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ޙާލަތެއްގައި ނަމަ އެ ފަރާތަކާ މެދުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްޖެހުމެއް ނެތި އަޅާނެކަން،" މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހު ރައީސް ދެއްވި ތަޤްރީރުގައި ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައި ރައީސް ދެއްވި އިންޒާރާ ގުޅިގެން ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ރައީސް އަށް ތަޢުރީފް ކުރައްވައިފަ އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ކޮރަޕްޝަނަށް ފުރުސަތު ނޯންނާނެ ކަމަަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ސާފު މެސެޖް ރައީސް ދެއްވާފައިވާ ކަމަށެވެ. 

ކޮަރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށާއި އެކަން ރައީސްގެ ނިންމެވުންތަކުން ސާފުވާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ. އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސަށް އެނގިވަޑައިގެން ހިންގިޔަ ނުދެއްވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު