ENGLISH

19 މޭ 2026

Advertisement

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި

19 މޭ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހުޅުވި ސްޕޯޓްސް ޕާކު-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ޕާކް ހުޅުވާފައިވަނީ، އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

އެޗްޑީސީން ބުނީ، މި ޕާކުގައި ތިން ދަނޑު ހިމެނޭ ކަމަށެވެ. އެއީ ވޮލީ ކޯޓަކާއި، ބާސްކެޓް ބޯލް ކޯޓެއްގެ އިތުރުން ފުޓްސެލް ދަނޑެކެވެ. ރޭ ޕާކް ހުޅުވުމަށްފަހު މި ތިން ދަނޑުގައި ވަނީ މެޗްތަކެއް ވެސް ކުޅެފަ އެވެ.

ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހުޅުވި ސްޕޯޓްސް ޕާކު ހުޅުވުމަށްފަހު ކުޅެވުނު ބާސްކެޓްބޯލް މެޗްގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ

މިޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން، ހުޅުމާލެ ނެއިބަރހުޑް އެކެއްގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ހުށަހެޅުމުން އެކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ރޭގެ ރަސްމިއްޔާތުގައި އެކަން ފާހަގަކޮށް އެ ކޮމިއުނިޓީގެ ރެޕްރެޒެންޓޭޓިވް ނައީމް ވަނީ އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ސަރުކާރުން އަންނަނީ މުޅި ރާއްޖެ ހިމެނޭހެން، އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް ސެންޓަރުތަކުގެ އިތުރަށްވެސް ކުޅިވަރު ކުޅޭ ދަނޑުތައް ހިމެނޭހެން ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

އެހެންކަމުން، ހުޅުމާލޭ ނެއިބަރހުޑް އެކެއްގައި ގައި ތަރައްގީކުރި ސްޕޯޓްސް އެރީނާ ރަސްމީކޮށް ހުޅުވުމާއެކު މިވަނީ އެސަރަހައްދުގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަކަށް ހައްލެއް ލިބިގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު