ENGLISH

18 މޭ 2026

Advertisement

ކައުންސިލުތަކުން ރައްޔިތުންގެ މަޝްވަރާއާއެކު މަސައްކަތްކުރައްވާނަމަ މައްސަލަތައް މަދުވާނެ: ނިމާލު

18 މޭ 2026

|

ޝިފްޒާން އަޙްމަދު

ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު

އަލަށް އިންތިހާބުވި ލޯކަލް ކައުންސިލުތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުމާއެކު މަސައްކަތްކުރައްވާނަމަ މައްސަލަތައް ކުރިމަތިވާ މިންވަރު މަދުވާނެ ކަމުގައި ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނިމާލު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ހަވަނަ އިސްލާހުގެ ބޭނުމަކީ ކައުންސިލުތަކުން ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ނިންމާ ބައެއް ނިންމުންތަކާމެދު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި ހަވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކަކީ ކައުންސިލުތަކުގެ ދައުރުގެ ހުރިހާ އަހަރެއްގައިވެސް ހިންގަންޖެހޭ އުސޫލުތަކެއްކަމަށެވެ. ނަމަވެސް ގާނޫނުން އެ އުސޫލުތައް ތަންފީޒުކުރުން ލާޒިމުކުރަނީ ދައުރުގެ ފަހު އަހަރުގައިކަން ފާހަަގަކުރައްވަމުން ނިމާލު ވިދާޅުވީ އެލްޖީއޭއިން އަމަލުކުރާނީ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ. 

އިތުރަށް ނިމާލު ވިދާޅުވެފައިވަނީ އަލަށް އިންތިހާބުވެވަޑައިގަތް ކައުންސިލަރުން އިއްޔެ މަގާމުގެ ހުވައިކުރައްވައި ޒިންމާއާ ހަވާލުވެވަޑައިގަތުމުގެ ކުރިން މާލީ އަދި ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މައުލޫމާތުދީ ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. 

އެ ޕްރޮގުރާމުގައި މާލީ ވުޒާރާއާއި އެހެނިހެން އިދާރާތަކުން ބައިވެރިވެ އިދާރީ އަދި މާލީ ހިންގުމުގެ ކަންކަމުގައި ކައުންސިލަރުން ތަބާވެވަޑައިގަންނަވަންޖެހޭ ކަންކަމުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރެވި ތަމްރީނުތައް ދެވިފައިވާ ކަމަށެވެ. 

"އަޅުގަނޑަށްވެސް ރަނގަޅީ ވީހާވެސް ފްލެކްސިބަލްކޮށް މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް އަނެކަތިވެގެންދިއުން. ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުންގެ ޝާމިލުވުމާއެކުގައި ކައުންސިލުތަކުން ކަންކަން ނިންމަައިގެން ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މި ބާރުއަޅަނީ. ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުން ކަންކަން ނިންމައިގެން ކުރިއަށްގެންދާނަމަ މި މައްސަލަތައް ރަށްރަށުގައި ނުއެއް ނިކުންނާނެ،" ނިމާލު ވިދާޅުވިއެވެ. 

ކައުންސިލުތަކަށް ގިނަ މައްސަލަތަކެއް ކުރިމަތިވާނަމަ ކައުންސިލުތަކުގެ ދައުރުގައި ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވަމުން ނިމާލު ވިދާޅުވީ ކައުންސިލަރުން ދައުރުގެ ތެރޭގައި މާލީ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރެެއްވުމަކީ އޭނާ ބޭނުންފުޅުވާ ގޮތް ކަމަށެވެ. 

ކައުންސިލަރުން އިންތިހާބުވެވަޑައިގަންނަވަނީ އެބޭފުޅުންގެ ހުށަހެޅުންތަކާއި މެނިފެސްޓޯތަކަކާއެކުކަން ފާހަގަކުރައްވައި ނިމާލު ވިދާޅުވީ ކައުންސިލަރުން ރައްޔިތުންނަށް ހުށަހަޅާފައި ހުރި ކަންކަން ހާސިލުކުރުމުގައި އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެލްޖީއޭއިން ވަރަށް ބޮޑަށް ސަމާލުކަންދޭނެ ކަމެއް ކަމަށެވެ. 

އަދި ސަރުކާރުންވެސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ދައުލަތުން ކުރާ ހަރަދު ދެބުރަށް ނުހިނގާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމުގެ އަހަންމިއްޔަތު ފާހަގަކުރައްވައި ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ ކޮބައިކަން ބަލައި، އެއާ ފުށުނާރާނެ ގޮތަށް ކައުންސިލުތަކުގެ މަސައްކަތް ބައްޓަންކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ނިމާލު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު