ENGLISH

17 މޭ 2026

Advertisement

ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދާމާ ހަމަވަނީ، މިހާތަނަށް 1300 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި

17 މޭ 2026

|

އާމިނަތު ނުޒްލާ

ޤުރުއާން މުބާރާތުގައި ދަރިވަރު ކިޔަވަނީ-- ފޮޓޯ: ގާފު އޮންލައިން

ޤައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާއިރު، މިހާތަނަށް 1300 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފްއާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛު ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެ އެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އިތުރުން، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ. މުބާރާތުގައި ބައިވެރިވެވެނީ އުމުރުން 26 އަހަރުން ދަށުގެ މީހުންނަށެވެ.

މިފަހަރުގެ ޤުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ ގައުމީ ޤުރުޢާން މުބާރާތްތަކާއި، ތަފާތުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް ޢަލީ ވަހީދު ވިދާޅުވި އެވެ. އެންމެ ބޮޑު ތަފާތެއް ކަމަށް ފާހަގަކުރެއްވީ މިފަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވެވެނީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ މުބާރާތްތަކުގައި ކޮންމެވެސް މުއައްސަސާއެއް، ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ސްކޫލް ނުވަތަ ޤުރުއާން ކްލާހެއްގެ ނަމުގައި ބައިވެރިވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

މި މުބާރާތުގައި މިފަހަރު ހަ އަހަރުން ދަށުގެ ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވެ އެވެ. ކޮންމެ އުމުރުފުރައަކަށްވެސް ވަކި މުޤައްރަރެއް ކަނޑައެޅިފައިވާކަން ޢަލީ ވަހީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މި މުބާރާތުގެ އެންމެ ފުރަތަމަ ބުރު، އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަފްތާ ބަންދުތަކުގަ އެވެ. އެގޮތުން އެވުޒާރާއިން އޮޑިޝަން ބުރު ބޭއްވުމަށް ނިންމާފައިވަނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަން ކުރަމުން އައި ރަށުގަ އެވެ. މީގެ އިތުރުން ހއ. އަތޮޅާއި އައްޑޫގައި ދެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވި އެވެ.

މި މުބާރާތުގައި ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާގެން ކުރިއަށް ގެންދަވާ މުބާރާތެއް ކަމަށް ޢަލީ ވަހީދު ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ކީރިތި ޤުރުއާންގެ ދާއިރާ އާއި އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަމަށް ވިދާޅުވި އެވެ.

"މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ކީރިތި ޤުރުއާނުގެ ދާއިރާއާއި، އިސްލާމީ ދާއިރާއަށްއަށް ގެންނަވާފައިވަނީ ހަމަ އިންގިލާބީ ބަދަލުތަކެއް" އިސްލާމީ ކަންތައްތަކާއި އައުޤާފްއާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛު ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވި އެވެ.

ތިރީސް ހަތް ވަނަ ގައުމީ މުބާރާތުން ފެށިގެން ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި އަދި ހާފިޒުންގެ ގޮފިން އެއްވަނައަށް އަންނަ ކޮންމެ ކުއްޖަކަށް އެއްލައްކަ ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ކަޑައަޅުއްވާފައިވެ އެވެ. އޭގެ އިތުރަށް މިތިން ގޮފިން އެއްވަނައަށްދާ ކުއްޖަކަށް، އެކުއްޖަކު ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ތަނަވަސްކޮށްދެއްވާފައިވާކަން ޢަލީ ވަހީދު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން އިސްލާމީ ކަންތަކާއި އައުޤާފްއާއި ބެހޭ ވުޒާރާއިންވެސް މިކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާކަންވެސް ނައިބު ފާހަގަކުރެއްވި އެވެ. މިއީ ރާއްޖޭގައި ތާރީހުގައި ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތެވެ. 

ކިޔުންތެރިންގެ ހިޔާލު