ENGLISH
17 މޭ 2026
އައު ކައުންސިލަރުން ހުވާކުރައްވައިފި
17 މޭ 2026
|
އައު ކައުންސިލަރުން ހުވާކުރުމުގެ ތެރެއިން. ފޮޓޯ؛ ފޭސްބުކް
އެންމެ މަޤްބޫލު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިހާބުވި މެމްބަރު އެބޭފުޅުންގެ މަގާމުގެ ހުވާ ކުރައްވައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
ކައުންސިލުގެ ފަސް ވަނަ ދައުރަށް މާލެ ހިމެނޭހެން ރަށްރަށަށް އިންތިހާބުވި ކައުންސިލަރުން މިހާރު ހުވާ ކުރައްވާފައިވާއިރު ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގަ އެވެ.
ކައުންސިލްތަކުގެ ފަސް ވަނަ ދައުރަށް އިންތިހާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 677 ކައުންސިލަރުން އިންތިހާބު ކޮށްފައިވާއިރު، މިއަދު 676 ކައުންސިލަރުން ހުވާ ކުރައްވާނެ އެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި 673 މެންބަރުން އިންތިހާބުކުރައްވާފައިވާއިރު، މިއަދު 662 މެންބަރުން ހުވައިގެ އިގުރާރުގައި ސޮއިކުރައްވާނެ އެވެ.
އަލަށް އިންތިހާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިގުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެ އެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވާނެ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިގްރާރުގައި ސޮއިކުރެއްވުމަށްފަހު އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.
ނިމިދިޔަ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ 580 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލީ 168 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.