ENGLISH

17 މޭ 2026

Advertisement

ގިނަ ހަރަކާތްތަކަކާއެކު "އަވައްޓެރި މޫދު މަހާސަމާ" ކާމިޔާބު ކަމާއެކު ނިންމާލައިފި

17 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ "އަވައްޓެރި މޫދު މަހާސަމާ" - ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުން އިންތިޒާމަކޮށްގެން ކުރިއަށް ގެންދިޔަ "އަވައްޓެރި މޫދު މަހާސަމާ" ތަފާތު ގިނަ ހަރަކާތްތަކަކާއެކު ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 09:30 އިން ފެށިގެން 16:30 އާ ހަމައަށް ހުޅުމާލެ ފޭސް 1 ގެ އަކުއަރ އެރީނާ ވޯޓަރ ޕާކުގައެވެ.

މިއީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ހުޅުމާލެ ފުލުހުންނާއި ފުލުހުންގެ އެހެނިހެން ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތްތަކުގައި އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، މި މަހާސަމާގެ ތެރެއިން ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަދި މުޖުތަމައުގައި ހިނގާ ކުށްތަކާއި، ނޭދެވޭ ކަންކަމާ ގުޅޭގޮތުން، ހުޅުވާލެވިފައިވާ އެކުވެރި މާހައުލެއްގައި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތުގައި، ކުޑަކުދިންނަށް ފުލުހުންގެ ފަރާތުން މުޖުތަމައުގައި ރައްކާތެރިކަން ލިބިފައިވާކަން އަންގައިދިނުމާއެކު، ފުލުހުންނަކީ އެކުވެރިކަމާއި އޯގާތެރިކަމާއެކު ކުދިންނަށް ރައްކާތެރިކަން ގާއިމުކޮށްދޭނެ ބައެއްކަން އުފާވެރި މާހައުލެއްގެ ތެރެއިން އެ ކުދިންނަށްް އަންގައިދީފައިވެއެވެ.

ކުޑަކުދިންނާއި އާއިލާތައް އެކުގައި ބައިވެރިވެވޭނެ ފަދަ، މޫދާއި އެއްގަމުގެ ތަފާތު ކުޅިވަރުތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ހަރަކާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި ހާއްސަ ގޮތެއްގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ ގޮތް ކުޑަކުދިންނަށް ކިޔައިދީފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ތެރެއިން ގުރެއް ނަގައި ކުދިންނަށް ގިފްޓް ވައުޗަރ ވެސް ހަދިޔާކޮށްފައިވެއެވެ.

ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ހަރަކާތަކީ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، އެއްބަޔަކު އަނެއްބަޔަކަށް ދެކެފަރިތަވެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި އުފާވެރި މާހައުލެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު