ENGLISH

17 މޭ 2026

Advertisement

ނަކްބާގެ ހާދިސާ: ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅަން ގޮވާލައިފި

17 މޭ 2026

|

އައިމިނަތު ޝަފާ

ޣައްޒާގެ ރައްޔިތުން ނަކްބާ ދުވަސް ފާހަގަކުރަނީ

ފަލަސްތީނު ރައްޔިތުންނަށް ދިމާވި "ނަކްބާ" ނުވަތަ ބޮޑު ކާރިސާއަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެ ގައުމުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައިފި އެވެ. 

"ނަކްބާ" ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 15 ވަނަ ދުވަހެވެ. އަދި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަސް އެމީހުން ފާހަގަކުރަނީ 'ނަކްސާ" ދުވަހުގެ ގޮތުގަ އެވެ. "ނަކްބާ"ގެ މާނައަކީ މުސީބާތެވެ. ފަލަސްތީނު މީހުން ނަކްބާ ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ފަލަސްތީނު ބޭއްވުމަށް ފަހު ޔަހޫދީންނަށް ދައުލަތް ހަދައިދޭން ވެގެން އެމީހުންގެ ގެދޮރުން ނެރެލައި، އެމީހުންގެ ބިންތައް ހުސްކުރި އަނިޔާވެރި ދުވަސްތަކުގެ ހަނދާންތައް އާކުރުމަށެވެ.

ފަލަސްތީނު މީހުންގެ ބިންތައް ހުސްކޮށް ޔަހޫދީންނަށް ދިނުމުގެ އަނިޔާވެރި އަމަލު ހިންގީ 1947 ވަނަ އަހަރާއި 1948 ވަނަ އަހަރު އެވެ.

ނަކްބާ ކާރިސާގައި 750,000 ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރާއި ބިމުން ނެރެލައި، ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ސަހުޔޫނީން ހިސާރުކުރި އެވެ. މި އިސްތިއުމާރުގެ ދަށުން ބާކީވި އަނެއް 22 އިންސައްތަ ބިމަކީ މިހާރު ހަނގުރާމައިގެ ނުރައްކަލުގައި އޮތް ޣައްޒާ އާއި އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރި އެވެ.

"ނަކްބާ" ދުވަހާ ގުޅިގެން ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، 1948ވަނަ އަހަރު ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޔަހޫދީން ފެށި ޖަރީމާތައް މިއަދާ ހަމައަށް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށެވެ. އަދި "ނަކްބާ"އަކީ، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ސަހުޔޫނީން ހިންގި ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅައިދީ، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ސަހުޔޫނީން ހިންގަމުންގެންދާ އުދުވާނުގައި އެންމެ އަސާސީ ހައްގުތަކުން ވެސް އެ ރައްޔިތުން މަހުރޫމް ކޮށްފައިވާކަން ފާހަގަކޮށް ފަލަސްތީނަށް ހައްގު ހޯދައިދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއްކަމަށް ބަޔާނުގައި ވެއެވެ. 

ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް މިފަހުން ވަރުގަދަކޮށްފައިވާއިރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް 70،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު