ENGLISH

17 މޭ 2026

Advertisement

މަރްޙޫމް މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

17 މޭ 2026

|

ޢަލީ ޝަހީމް

ރަސްމީ ޢިއްޒަތުގައި މަރްޙޫމް މަހުދީގެ ޖަނާޒާ ބޭއްވުން. ފޮޓޯ: އެމްއެންޑީއެފް

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އިއްޔެ ޑައިވްކުރަނިކޮށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އަދި، މައްޔިތާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ.

މި ޖަނާޒާގައި ބައިވެރިވެލައްވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުއާއި، ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެއަށް ކުރިން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުން އަދި، ގިނަ އަދަދެއްގެ ސިފައިން ވަނީ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޢާއިލާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވަނީ. ފޮޓޯ: އެމްއެންޑީއެފް

މި ޖަނާޒާގައި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މޫނު ދެއްކުން ކުރިއަށްދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީހެއް އަރުވާފައެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމައިގައި، 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު