ENGLISH

04 ޖޫން 2025

Advertisement

ލޭކާސް މޮޅުވިއިރު ޖޭމްސް އަށް އިތުރު ރެކޯޑެއް

20 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލޭކާސްއާ ކިންގްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އެންބީއޭގައި ސެކްރަމެންޓޯ ކިންގްސް އަތުން 113-100 އިން ލޮސް އެންޖެލަސް ލޭކާސް މޮޅުވިއިރު، އެ ޓީމުގެ ލެބްރޮން ޖޭމްސް ރެކޯޑެއް ޤާއިމުކޮށްފިއެވެ.

ސެކްރަމެންޓޯގައި ހުންނަ ގޯލްޑެން ވަން ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާރގައި ލޭކާސް އިން ވަނީ ލީޑެއް ނަގައި، 37-28 އިން ކުރީގަ އޮވެގެން ނިންމާލައިފައެވެ.

އެކަމަކު، ދެވަނަ ކުއާޓާގައި ކިންގްސް އިން ވަނީ 30-25 ގެ ތަފާތަކުން ކުރިހޯދައި، ދެ ޓީމުގެ ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް، ލޭކާސް އިން ވަނީ ދެން ޖެހިގެންއައި ތިންވަނަ ކުއާޓާގައި 24-22 އިން އަދި، އެންމެ ފަހު ކުއާޓާރގައި 27-20 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.

ލޭކާސް އަށް އެންމެ މޮޅަށް ކުޅުނު އެންތަނީ ޑޭވިސް ވަނީ 21 ޕޮއިންޓާއެކު 20 ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އޮސްޓިން ރީވްސް ވަނީ 25 ޕޮއިންޓް އެއްކޮށްފައެވެ. 

މި މެޗުގައި ފުރިހަމަކުރި 34 މިނެޓާއެކު ލޭކާސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޖޭމްސް ވަނީ އެންބީއޭގެ ތާރީޚުގައި މިހާތަނަށް ރެގިއުލާ ސީޒަންގައި އެންމެ ގިނަ މިނެޓު ފުރިހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ. އެންބީއޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓްއެއްކުރި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް ޖޭމްސް އަތުގައެވެ. ޖޭމްސް ވަނީ މި މެޗުގައި 19 ޕޮއިންޓާއެކު، ހަތް އެސިސްޓް ހަދައި، ހަ ރީބައުންޑް ނަގައިފައެވެ.

ކިންގްސްގެ ކުޅުންތެރިންގެ ތެރެއިން ޑެ'އާރޮން ފޮކްސް ވަނީ 26 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑޮމަންޓަސް ސަބޯނިސް ވަނީ 18 ޕޮއިންޓާއެކު 12 ރީބައުންޑްނަގައި، ނުވަ އެސިސްޓް ހަދައިފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި މެމްފިސް ގްރިޒްލީސް ވަނީ 51 ޕޮއިންޓްގެ ތަފާތަކުން ގޯލްޑެން ސްޓޭޓް ވޯރިއާސް ބަލިކޮށްފައެވެ. މި މެޗުން މެމްފިސް މޮޅުވީ 144-93 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު