ENGLISH
16 މޭ 2026
ކުރީގެ ވަޒީރު ޚަލީލް: ޤައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން މި ތިން ބޭފުޅުން ދައްކަން އޮތީ ކޮން ވާހަކައެއް
16 މޭ 2026
|
ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް
އެންމެ މަޤްބޫލު
ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން އިިދިކޮޅުގައި މިހާރު ތިއްބެވި ކުރީގެ ތިން ރައީސުން ދައްކަވަން އޮތީ ކޮން ވާހަކައެއްތޯ ސުވާލު އުފެދޭ ކަމަށް ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މި ސަަރުކާރުގައި ސިއްޙަތާއި ބެހޭ ވަޒީރު ކަމާއި ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޑރ. އަބްދުﷲ ޚަލީލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މިރޭ ބައްދަލުކުރެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޚަލީލް ވިދާޅުވީ ތިން ރައީސުންގެ ބައްދަލުވުމުން ސިފަ ކުރެވެނީ ބާރުތައް މުށުތެރެއަށް ލުމަށް އިންތިހާއަށް ދަހިވެތިވެފައި ތިބި ތިން ބޭފުޅުންތަކެއްް ގައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލެވޭތޯ ވަގުތީ ކައިވެންޏަކަށް ތައްޔާރުވާ މަންޒަރުތަކެއް ކަމަށެވެ.
އަދި އެއީ ކުރީން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ތުހުމަތުތައް ކުރެއްވި ބޭފުޅުންކަން ހަނދާންކޮށް ދެއްވި އެވެ.
އެގޮތުން ނަޝީދަކީ އޭނާގެ ވެރިކަމުގެ ތަޚުތުގައި އިންނަވަން ގައުމުގެ އެތައް ފަޅުރަށެއް ނުހައްގުން ގާތް މީހުނަށް ބަހާލާ އެތައް ބަޔަކު މަގުތަކަށް ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި، 280 މިލިޔަން ރުފިޔާގެ ގެއްލުން ރައްޔިތުންނާއި ދައުލަތަށް ދިން ބޭފުޅެއް ކަމަށެވެ.
އަދި ޔާމީނަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގާ ނުހައްގުން އެތައް ބަޔަކު ޖަލަށްލި އަނިޔާވެރިއެއް ކަމާއި ނޫސްވެރިކަން ފޮއްޓަކަށްލާ ތަޅުލި ބޭފުޅެއް ކަމުގައި ހަނދާން ކޮށްދެއްވި އެވެ.
ސޯލިހަކީ ރާއްޖޭގެ ސަރަހައްދުން ބަޔަކާއި ފޯޅަވަހީގެ މައްޗަށް އޮތް ރާއްޖޭގެ ކްލެއިމް އަމިއްލަ ފައިދާއަށް ދޫކޮށްލާ އިންތިހާއަށް ރާއްޖެ ދަރުވާލި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގައި ފަލަކޮށް ކޫރުން އަޅުވާލާ ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވި ބޭފުޅެއްކަން ހަނދާންކޮށްދެއްވި އެވެ.
"ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން މި ތިން ބޭފުޅުން ދައްކަން އޮތީ ކޮން ވާހަކައެއްތޯ ހިތަށް އަރަ އެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ،" ޚަލީލްގެ ޕޯސްޓްގައި ވިދާޅުވި އެވެ.