ENGLISH

15 މޭ 2026

Advertisement

ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރޭ، އޮތީ ހުސް ފައިދާ: ރައީސް

14 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި. ފޮޓޯ؛ސޯޝަލް މީޑިއާ

ދޮގު ޑޮކިއުމަންޓްރީތައް ހަދައިގެން ލިބެނީ ހުސް ފައިދާ ކަމަށާއި ކިތަންމެ ގިނައިން ދޮގު ޑޮކިއުމަންޓްރީތައް ހެދިޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަބުރުކަތިލުމަށް މަސައްކަތްކުރާ ވާދަވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާއެކު، ގަޛުފުކޮށް ތައްޔާރުކުރި ވީޑިޔޯއެއްގެ މައްސަލަ ބޮޑުވެފައިވާއިރު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެ ޑޮކިއުމެންޓްރީގައި އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކަކީ ދޮގެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނިމިދިޔަ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވާދަވެރިން ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެކަމަށް މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރުގައި ކެތްތެރިކަން އިސް ކުރުމަށް އިސްލާމް ދީނުގައި މަތިވެރި އިސްކަމެއް ދީފައިވާ ކަމަށާއި އެކަމުން ކެތްތެރިވާ މީހާއަށް އޮތީ ސަވާބު ކަމަށެވެ.

"އެހެންވެ، އަޅުގަނޑު އުފާކުރަން. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ،". ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނާއި އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދުރު ކުރަން ވެސް ބަޔަކު އުޅޭ ކަމަށައި ފަސްޓް ލޭޑީ މިފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ދަރިކަލުން ކައިރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ، އެ ދަތުރުފުޅަކީ ދޮޅު މަހެއްވަރު ކުރިން ރޭވި ނިމިފައިވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް މިއަދު ގައުމަށް ބޭނުންވާކަމަށާއި "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. 

"ހުސް ފެއިލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ ޒުވާން ކުދިން މިކަންކަން އެނަލައިސިސް ކުރާއިރު، އެ ކުދިން ތިބޭނީ ޑިސަޕޮއިންޓްވެފައި،". ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ. 

ރައީސް މިފަދައިން ވިދާޅުވީ އިރު އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ގޭގް އަމުރެއް ނެރެފަ އެވެ. 

މި ސަރުކާރު ފެށުނުފަހުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް އަބުރުކަތިލުމުގެ ގިނަ ހަމަލާތަކެއް ވާދަވެރިން ދެމުންދާކަން ފާހަގަކޮށްލެވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު