ENGLISH

15 މޭ 2026

Advertisement

ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ޒިންމާދާރު ބަޔަކު އިދިކޮޅުގައި ނެތް: ރައީސް

14 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި

ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކު ނެތްކަމަށް ވިދާޅުވެ އިދިކޮޅު ޕާޓީތަކުގެ ނަމުގައި ހަރަކާތްތެރިވާ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

ރައީސްގެ ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ގައުމަށް ހެވާ ލާބަ ލިބޭނެކަންކަން ކުރުންކަމަށާއި މީގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ހަގީގީ މާނައިގައި މަސައްކަތް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތަކަށާއި، ކުރާ މަސައްކަތަށާއި، ނެރެދޭ ނަތީޖާއަށް އިދިކޮޅުން ދޭނެ ރައްދެއް މިއަދު ނެތްކަަމަށެވެ. ވުމާއެކު އިދިކޮޅު ފަރާތްތަކުން މިއަދު ބޮޑަށް އިސްކުރަމުންދަނީ އަމިއްލަ އެދުންކަމަށް ވިދާޅުވި އެވެ. 

ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކު ނެތްކަމަށާއި، ރާއްޖޭގައި ސަރުކާރާ ދެކޮޅު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް ތިބިބައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. ރައީސް ވިދާޅުވީ ދީނާ، ގައުމާ، ދިވެހި ރައްޔިތުންނާ ދޭތެރޭ ވިސްނާ ބަޔަކު އިދިކޮޅުގައި ނެތްކަމަށެވެ.

"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެންމެ ލެކްވާ އެއްޗަކީ ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާކު ނެތް ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާގަ އޮތީ ފުރުސަތު ލިބުނު ކޮންމެ ފަހަރަކު ތިމަންނާއަށް އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތެއް، ތިމަންނަ ބޭނުންވާގޮތަށް ކަންކަންކުރެވޭނެ ގޮތެއް ބަލައިގެން މަސައްކަތްކުރި ފަރާތްތަކެއް. ގައުމަކާމެދު ނުވިސްްނާ. ދީނާ މެދު ނުވިސްނާ. ހަމަ ޖެހުނުހާ ގޮތަކަށް ކަންކުރީ،". ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރުތަކުން ހިންގާފައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި އެވެ. މިފަދަ މައްސަލަތަކުގައި ގެއްލިފައިވާ ދިވެހިންގެ ހައްގުތައް ހޯދުމަށް ވެސް މިނިވަން މުއައްސަސާތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

ކިޔުންތެރިންގެ ހިޔާލު