ENGLISH

15 މޭ 2026

Advertisement

އެމްޑީއެން ރިޕޯޓު ނެރުނު މީހުން ދެން ވެރިކަމަށް ގެެންނާކަށް ދިވެހިން ބޭނުމެއް ނުވާނެ: ރައީސް

14 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް މިރޭގެ ޖަލްސާގައި. ފޮޓޯ؛ސޯޝަލް މީޑިއާ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން އިސްލާމްދީނަށް ތައުހީނުކޮށް 2015 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން އަލުން ވެރިކަމަށް ގެެންނަން ދިވެހިން ބޭނުން ނުވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިފަދައިން ވިދާޅުވި ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ. 

އެމްޑީއެންއިން ނެރުނު ރިޕޯޓުގައި މާތް ރަސޫލާ ކުރެއްވި ބައެއް ކަންކަމަށް ފާޅުގައި ސުވާލު އުފެއްދައި ކުޑައިމީސް ކުރި އެވެ. ސީދާ ގުރުއާނުގެ ނައްސުން އައިސްފައިވާ، ކަންކަމާ މެދު ހަޖޫޖެހި އެވެ.

ރައީސް ވިދާޅުވީ މުސްލިމުންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫޖަހައި ކުޑައިމީސްކޮށް ބަދުބަސްބުނި މީހުން އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނީ ބޮޑި މަގާމުތައް ދީގެން ރައްޔިތުންގެ ފައިސާއިން ހަރދުކޮށްގެން ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައި އިސްލާމްދީނުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަންޖެހުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހުނީ ދީނާ ހިލާފް ސިޔާސަތުތަކެއް އެ ސަރުކާރުން ގެންގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ސާކް ސަމިޓާ ދިމާކޮށް 2011 ވަނަ އަހަރު އައްޑޫގައި ބުދު ބެހެއްޓީވެސް އެމްޑީޕީ ސަރުކާރުންކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ދެ ސަރުކާރަކީވެސް ދީނާ ހިލާފް ސިޔާސަތުތައް ތަންފީޒު ކުރި ދެ ސަރުކާރުކަމަށެވެ. 

ސައްތައިންސައްތަ މި ގައުމުގައި އޮންނަންވާނީ އިސްލާމްދީނަށް ނަސްރުދިނުމުގެ ސިޔާސަތު އެކަނިކަމަށާއި އެއީ އެމަނިކުފާނުގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ސަރުކާރު ދެމި އޮންނާނީ އިސްލާމްދީނަށް ނަސްރު ދިނުމުގައި ސާބިތުވެކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާމްދީން ދިފާއުކުރާތީ ނުވަތަ ދީނުގެ ސިޔާސަތެއް ތަންފީޒުުރާތީ ބޭރުގެ ގައުމަކުން ނުވަތަ ޖަމިއްޔާއަކުން ކަންބޮޑުވިޔަސް ފަރުވާލެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އޭރު ވަކާލާތުކުރަމުންދިޔައީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯދަންޖެހޭނެކަމަށް ބުނެ. މިއީ އޭރުގެ ސިޔާސަތު. މިހާރުގެ ޒުވާނުންނަށް ފަަހަރުގައި ނޭނގިދާނެ. އެކަމަކު ކުޑަކޮށް ހޯދާލަނިކޮށް ފެންނަން ހުުންނާނެ ހަގީގަތް މިއީ. އެދުވަސް އަނބުރާ އަޅުގަނޑުމެންގެ ގައުމަށް ގެންނަން ރައްޔިތުން ބޭނުންވާނެބާ؟.އަޅުގަނޑުމެންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫޖަހައި ކުޑައިމީސްކޮށް ބަދުބަސްބުނި ސަރުކާރު އަލުން އަނބުރާ ވެރިކަމަށް ގެންނާކަށް ހަމަހޭގައިތިބެ ދިވެހިން ބޭނުމެއް ނުވާނެ،". ރައީސް ވިދާޅުވި އެވެ. 

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރިކަން ހާމަވެ އެމްޑީއެން ރަސްމީކޮށް އުވާޅި 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ އަމަލު ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް އޭރުގެ އެމްޑީޕީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު