ENGLISH

14 މޭ 2026

Advertisement

ގެއްލުނު މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި، ސިފައިން ހައި ރިސްކު އޮޕަރޭޝަނެއް ފަށައިފި

14 މޭ 2026

|

އަޙުމަދު ޙަމީދު

ގެއްލުނު މީހުން ހޯދަނީ

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ދަނީ ލިބެމުން ކަމަށް ސިފައިން ބުންޏެވެ.

އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންނެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް ސިފައިން ބުންޏެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު