ENGLISH
14 މޭ 2026
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުން މާދަމާ، އިންތިޒާމުތައް ނިމިއްޖެ
14 މޭ 2026
|
ޙައްޖުވެރީންގެ ފޮށިތައް އެއަރޕޯޓަށް ގެންދިއުން
އެންމެ މަޤްބޫލު
އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖާޖީންގެ ފުރަތަމަ ގުރޫޕު މާދަމާ މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާއިރު ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ސަޢުދީ އެއާލައިނުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގައެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެގޮތުން ޙައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް މުޠައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އަދި މައްކާގައި ކުރިއަށްދާ މި މަސައްކަތްތައް ދިވެހި ޙައްޖު މިޝަނުން ގާތުން ބަލަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ އެކިކަންކަމުގައި މަޝްވަރާ ކުރުމަށް ޙައްޖު މިޝަނުން ސަޢުދީ ޢަރަބިއްޔާގެ އެކި އިދާރާތަކާއި ބައްދަލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާ ފާހަގަކޮށްލެވެއެވެ.
މިއަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.