ENGLISH

14 މޭ 2026

Advertisement

މޯލްޑިވްސް ޕްރޯ މިފަހަރު ތުލުސްދޫގައި

14 މޭ 2026

|

އިސްމާއިލް ޝާހު

2024 ވަނަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ތެރެއިން --- ފޮޓޯ: އެމްބީބީއޭ

އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއަރ ގައި ހިމެނޭ މޯލްޑިވްސް ޕްރޯ މި އަހަރު ކ. ތުލުސްދޫގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް ޕްރޯ 2026 މެދުކެނޑުމަކަށްފަހު ބާއްވާއިރު، މި މުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ. އޭގެ ފަހުން 2023 އަދި 2024 ވަނަ އަހަރުވެސް މި މުބާރާތް ރާއްޖޭގައި ބޭއްވި ނަމަވެސް، މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިދިޔަ ތިން ފަހަރުވެސް މޯލްޑިވްސް ޕްރޯ ބާއްވާފައިވަނީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މި ފަހަރުގެ މުބާރާތް ތުލުސްދޫގައި ބާއްވާއިރު، މިއީ މި މުބާރާތް މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ. ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ހާމަކޮށްފައިވާ ގޮތުން މޯލްޑިވްސް ޕްރޯ 2026 ކުރިއަށްދާނީ އޮގަސްޓް މަހުގެ 12 އިން 21 ގެ ނިޔަލަށެވެ.

މި ފަހަރު ރާއްޖޭގައި އޮންނަ ވޯލްޑް ޓުއަރ އިވެންޓުގައި ފިރިހެނުންގެ ރައިޒިން ސީރީސް ޑިވިޝަނާއި، އަންހެނުންގެ ޕްރައިމް ސީރީސް ޑިވިޝަނުގެ އިތުރުން ފިރިހެނުންގެ ޖޫނިއަރ ރައިޒިން ސީރީސް ޑިވިޝަން ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

ތުލުސްދޫގައި މުޅިން އަލަށް މޯލްޑިވްސް ޕްރޯ ބާއްވާއިރު، މީގެ ކުރިންވެސް އެ ރަށުގައި ވަނީ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާފައެވެ. އެގޮތުން 2024 ވަނަ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކަމާއެކު އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު