ENGLISH

14 މޭ 2026

Advertisement

ރައީސަށް 1000 ޕަސެންޓުގެ އިތުބާރު އެބައޮތް: ފަލާހް

14 މޭ 2026

|

އައިމިނަތު ޝަފާ

ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ފަލާހް ވާހަކަފުޅު ދައްކަވަނީ

ކޮންގްރެސް ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުތުރު އަމަލެއް ނުކުރައްވާނެ ކަމުގެ 1000 ޕެސެންޓުގެ ޔަގީންކަން އެބައެޮތް ކަމަށް ކޮންގްރެސް ޕާޓީގެ ޕަލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ. 

ފަލާހު މިފަދައިން ވިދާޅުވީ މިރޭ ކޮންރެސް ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ މުޒާހަރާތަކަށް ފާޑުވިދާޅުވެ ފަލާހް ވިދާޅުވީ މިއަދު ފެނިގެންދަނީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ދަށުދަރަޖައިގެ ކަންކަން ކުރަމުންދާތަން ކަމަށެވެ. 

ފަލާހް ވިދާޅުވީ މީގެ ކުރީގެ ޕީޕީއެމް ވެރިކަމުގައި އޭރުގެ އިސްވެރިންނާ  ދެކޮޅަށް ވެސް އެމްޑީޕީން ހަގީގަތާ ހިލާފް  ވާހަކަތައް ފެތުރިކަމަށެވެ. 

އިދިކޮޅު ފަރާތްތަކުން ރައީސް މުއިއްޒާ ބެހޭ ގޮތުން މިހާރު ފަތުރަމުން އަންނަނީ ބޮޑެތި ބުހުތާނު ދޮގު ކަމަށް ފަލާހް ވިދާޅުވި އެވެ. އަދި އެކަމަށް ޚުދު އޭނާ ހެކިވާނެ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ރައީސްއާ ދޭތެރޭގައި 100% އެއް ނޫން އެ ދައްކާ ހަޑިހުތުރު ވާހަކަތަކާ ދޭތެރޭގައި ރައީސް އެފަދަ ކަމެއް ނުކުރައްވާނެކަމުގެ 1000% ޔަގީންކަން އެބައޮތް. އެމަނިކުފާނު އެފަދަ ކަމެއް ނުކުރައްވާނެކަމަށް އަޅުގަނޑު ހަތިމުގައި އަތްލާފައި ހުވާވެސް ކޮށްފާނަން. އެވަރުގެ އިތުބާރު އެބައޮތް. އެވަރަށް އިތުބާރު ކުރާތީ މި ދަންނަވަނީ،". ފަލާހް ވިދާޅުވި އެވެ. 

ފަލާހް މިފަދައިން ވިދާޅުވި އިރު "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާއެކު، ގަޒުފުކޮށް ތައްޔާރުކޮށް ވީޑިޔޯއެއް ވަނީ އާއްމުކޮށްފަ އެވެ. އެ ވީޑިއޯއާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުުރުކޮށްފައިވަނިކޮށް އެ ވީޑިޔޯއާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކޮށް ކޯޓު އަމުރަށް ގޮންޖަހާފައިވެއެވެ. 

އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ އަދަދުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު