ENGLISH
14 މޭ 2026
މަޖިލީހުގެ ރައީސް: މިތިބީ އެކުގައި ގަދަކޮށް, ބައިބައިކުރަން ކުރާ މަސައްކަތުން ނަތީޖާއެއް ނުނިކުންނާނެ
14 މޭ 2026
|
މިރޭގެ ޖަލްސާގައި ރައީސްގެ އަރިހުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ކޮންގްރެސް ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން ތިބީ އެކުގައި ގަދަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ހަރުގޭގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވަރަށް ފޯރީގައި ތަޤުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުފަދަ ޤައުމާއި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށެވެ.
ދިވެހިރައްޔިތުންނާއި މި ޤައުމަށްޓަކައި ކަމެއްކޮށްދޭނެ ބަޔަކީ ކޮންގްެރެސް ޕާޓީ ކަމަށާ އެކަން ރައީސް މުޢިއްޒުގެ ޒަޢާމަތުން ސާފުކޮށް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީ އޮތީ ބަދަހި ގުޅުމަކުން ގުޅިފައި ކަމަށެވެ. އަދި ބަޔަކު ނިކުމެ އެ ޕާޓީ ބައިބައިކޮށް ފިތުނަކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
"މި ތިބީ ގަދަކޮށް. މިތިބީ އެކީގައި. ބައިބައިވުމެއް ނެތް," ވަރަށް ފޯރީގައި ތަޤުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވާދަވެރީން ތިބީ ރިޔާސީ ކެންޑިޑޭޓަކު ކަނޑަނޭޅި ބޮޑު ކޯޅެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކޮންގްރެސް ޕާޓީގައި އެ ކޯޅުން ނެތް ކަމުގައި ވިދާޅުވި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު ކަމަށާ އެކަމަށް ޕާޓީގައި ކުޑަވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.
"ބައިބައިކުރަން ވާހަކަ ދައްކާނެ ކަމެއް ނެތް. އެކަމެއް ނުވާނެ," އަބްދުއްރަހީމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އަަބްދުއްްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 75 ގޮނޑި ކޮންގްރެސް ޕާޓީއަށް ރައްޔިތުން ތިބީ ރައީސާއި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީސްތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރަން ތިއްބެވީ ތައްޔާރަށް ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ކޮންގްރެސް ޕާޓީއަށް ވަރަށް މުހިންމު ދުވަސްވަރެއް ކަމަށެވެ. އެއީ ޕާޓީގެ ކޮންގްރެސް ކަމުގައި ވިދާޅުވި އެވެ. އަބްދުއްރަހީމް ވަނީ ކޮންގްރެސްއަށް ތައްޔާރުވުމަށް ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ފެންނާނީ ވަރަށް ރީތި ކޮންގްެރެސް އެއް ކަމަށެވެ. އަދި ކޮންގްރެސްއަށް ފަހު ހުރިހާ މެންބަރުން ކަމަރު ބަންނަންވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ދެވަނަ ދައުރެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
ދިވެހީންގެ ރާއްޖެ ހޯދޭނީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ކަމަށާ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.