ENGLISH
15 މޭ 2026
ވާދަވެރި ގައުމަކަށް ވަފުދެއް ނުފޮނުވޭހާ މިންވަރަށް މީގެކުރިން ރާއްޖެ އޮތީ އަޅުވެތިވެފައި: ރައީސް
14 މޭ 2026
|
ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
މީގެކުރިން ސަރުކާރުތަކުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރި ގޮތުން ވާދަވެރި ގައުމަކަށް ވަފުދެއް ނުފޮނުވޭހާ މިންވަރަށް ރާއްޖެ އޮތީ އަޅުވެތިވެފައިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވި މިހާރު ކުރިއަށްދާ ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމުގެ ހުރިހާކަމެއް ހަމަޖެހޭ މިސްރާބަކުން ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށެވެ. އެގޮތުން ޚާރިޖީ ސިޔާސަތު ވަށައިޖެހޭ މިސްރާބަކުން ކުރިއަށްގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަކި އަތަކަށް ބުރެވެގެންގޮސް ހުސްވެފައިކަމަށް ރައީސް ވިދާޅުވި އެވެ.
"ވަކި ގައުމެއް ބޭނުންވާގޮތަށް ނޫނީ އެއްކަމެއް ވެސް އޭރަކު ނުކުރެވޭ. ނުކުރެވޭ މިންވަރަކީ އެ ގައުމުގެ ހުއްދަ ނުހޯދައި އެގައުމާ ވާދަވެރި ގައުމަށް އެއްވެސްކަހަލަ ވަފުދެއްވެސް ނުފޮނުވޭ ހިސާބަށް އޭރު އޮތީ އަޅުވެތިވެފައި. އެކަން ނިމުމަކަށް ގެނެސް މިގައުމުގެ ހާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ކަމުގައި ކަނޑައަޅައި އަޅުގަނޑުމެން ތަންފީޒުކުރަން ފެށިން،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ދިވެހި ލޮބުވެތި ރައްޔިތުން ކަމަށެވެ. މިއަދާ ހަމައަށް އައިއިރުވެސް އެމަނިކުފާނު އަމަލުކުރަމުން އައީ ދިވެހިންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނާ ހަތުރު ގައުމެއް ނެތް. އެކުވެރިކަމާއެކީގަ އަވަށްޓެރިންވެސް ދުރު ގައުމުތައްވެސް ބޮޑެތި ގައުމުތައްވެސް ކުދި ގައުމުތައްވެސް އެދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަކީ މިހާރު ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ބައިނަލްއަގްވާމީ މުޖުތަމައުގެ ބަސްވިކޭ ބަޔަކަށް ވަނީ ވެފައި. މިއީ ރައްޔިތުން ބޭނުންވާ ގޮތަކީ،" ކުރިމަގުގައި މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާ ފެންނަމުންދާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖެއާއި ދިވެހީން އިސްކުރައްވާ ހާރިޖީ ސިޔާސަތެއް ތަންފީޒުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ދެހާސް ތޭރައިން ފެށިގެން 2023 އާ ދެމެދުގައި ރާއްޖެ އޮތީ އޭޝިޔާ ބައްރުގެ ބޮޑު ދެ ބާރުކަމުގައިވާ ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރޭގައި ތާށިވެފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ދަަށުން ގާއިމުކުރެއްވީ ތިލަފަތް ހަމަ ހާރިޖީ ގުޅުންތަކެކެވެ. މިދެންނެވި ސިޔާސަތު ހިންގަވައި ތަންފީޒުކުރެއްވުމުގެ ފޮނި މީރުކަން އެކި ގޮތްގޮތުން ދިވެހިންނަށް މިހާރު ދަނީ ލިބެމުން ނެވެ. ރާއްޖޭގެ ތަރައްގީއަށް މި ދެ ގައުމުގެ އެހީތެރިކަން ލިބެމުން އަންނައިރު އަރަބި އިސްލާމީ ގައުމުތަކާއެކު އޮތް ގުޅުންވެސް އިތުރަށް ހަރުދަނާވި އެވެ.