ENGLISH
14 މޭ 2026
ނާޒިމަށް ގިނަ ތުހުމަތުތަކެެއް، އިތުބާރު ނެތް ކަމަށް 72 މެންބަރުންގެ ސޮއި
14 މޭ 2026
|
މަޖިލީހުގެ ނާއިބު ރައީސް ނާޒިމް --
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރުގައި 72 މެންބަރުން ސޮއިކޮށްފައިވާ ކަމަށް އެނގިއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ އެ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެމްއެމްޓީވީއަށް އެ ގަރާރު ލިބިފައިވާއިރު ގަރާރުގައި 72 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. ޤަރާރު ހުށައެޅި ސަބަބެއް ކަމަށް ބުނެފައިވަނީ މަޤާމުގެ ނުފޫޒުން ނާޖާއިޒު ފައިދާނަގައި ފިތުނަ އުފައްދާ ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭގޮތަށް ތަކުރާރު ކުރަމުންދާތީއާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލުމަށް މަޖިލީހުގެ ނާއިބު ރައީސް ހިޔްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ ކަމަށެވެ.
އެހެން ކަމުން މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކިކުރެއްވުމަށް ހުށައަޅާ ކަމަށް ޤަރާރުގައިވެ އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ނިންމާފައިވެއެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ. އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވިއެވެ. ނާޒިމާއެކު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.