ENGLISH
14 މޭ 2026
މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އެދިއްޖެ
14 މޭ 2026
|
ފުލުހުންގެ މައި އިދާރާ
އެންމެ މަޤްބޫލު
އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތް ކުރުމުގައި، މިހާރަށްވުރެ ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
އެކި އެކި ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ސްކޭމްތަކާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނުގައި ވަނީ، އޮންލައިން ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު މިފަދަ އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ، ގިނަ ފަހަރު އެފަދަ އަމަލުތައް ހިންގަނީ އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އިޝްތިހާރުތަކުން ކަމަށެވެ.
މިފަދަ ފަރާތްތަކުން "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދާ ކަމަށާއި، ނަމަވެސް އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގާ ކަަމަށް އެބަޔާނުގައިވެއެވެ.
ބޭންކް ޓްރާންސްފަރ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތަކެކެވެ.
މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ބިރުގަތުމާއި ހަނުހުރުމަކީ ކުށްވެރިންނަށް ލިބޭ ބާރެއް ކަމަށް ފާހަގަކޮށް، އެފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ ތިމާއާއި އެހެން މީހުން ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ.
އެގޮތުން، ޝައްކު އުފެދޭ މުއާމަލާތަކުން ދުރުހެލިވެ، އަބަދުވެސް ހޭލުންތެރިވެ ތިއްބެވުމަށް އެ ބަޔާނުގައި އާންމުންނަށް އިިލްތިމާސްކޮށްފައިވެއެވެ.