ENGLISH
14 މޭ 2026
"ގެގް" އޯޑަރެއް ނެރުނީ އަލަކަށް ނޫން، ތަންފީޒު ކުރާނެ: ތަރުޖަމާން
14 މޭ 2026
|
އެންމެ މަޤްބޫލު
ރާއްޖޭގައި "ގެގް" އޯޑަރެއް ނެރުނީ އަލަށް ނޫން ކަމަށާ ކޯޓްގެ އަމުރުތަކާއި އެންގުންތައް ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ނޫހަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓްގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން މައްސަލަ ނިމެންދެން އެ ނޫހުން އާންމުކުރި ވީޑިއޯ ފެތުރުން މަނާކޮށް ކޯޓުން ވަނީ "ގެގް" އޯޑަރެއް ނެރުއްވާފަ އެެވެ. އެ އަމުރު ނެރުއްވުމުން އެއީ ސަރުކާރުން އެދިގެން ނެރެފައިވާ އަމުރެއް ކަމަށާ މިއީ މިފަދަ އަމުރެެއް ކޯޓުން ނެރުނު ފުރަތަމަ ފަހަރު ކަމަށް ދައްކަން އިދިކޮޅު ޕާޓީތަކުން ދަނީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންނެވެ.
އެ ވާހަކަތައް ހެއްކާއެކު ދޮގު ކުރައްވަމުން ތަރުޖަމާން ވަނީ މީގެ ކުރީން ދެ ފަހަރެއްގެ މަތީން އެމްޑީޕީގެ ސަރުކާރުގައި "ގެގް" އޯޑަރެއް ނެރުއްވާފައިވާކަން ހަނދާންކޮށް ދެއްވާފަ އެވެ. އަދި އެއީ ކޯޓްތަކަށް ލިބިގެންވާ އިޙްތިޔާރެއްކަން ފާހަގަ ކުރެއްވި އެވެ.
"ގެގް އޯޑާއެއް ނެރުނު 2021 ގައި. ގެގް އޯޑާއެއް ނެރުނު 2022 ގައި. އެއީ އަޅުގަނޑުމެންގެ މިހާރުގެ ރައީސެއް ވެސް ނޫން ވެރިކަމުގައި ހުންނެވީކީ އެއް. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވީ،" ތަރުޖަމާން ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރީޢަތަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ. އެކަން އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓްގެ ނިންމުންތަކަށް ސަރުކާރުން ފުރިހަމައަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ. އަދި އެ ނިންމުންތައް ތަަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.