ENGLISH

04 ޖޫން 2025

Advertisement

މާފުށި ކަޓުވާލުމަށް ފަހު ސެމީގެ ފަހު ޖާގަ އައްޑޫ އަށް

19 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އައްޑޫގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ކ. މާފުށި 3-0 އިން ބަލިކޮށް، އައްޑޫ ސިޓީން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު 20 މިނެޓުގެ ތެރޭގައެވެ.

މި މެޗުގައި އައްޑޫން ލީޑު ނެގީ 71 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އިސްމާޢިލް އީސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އޭގެ ފަސް މިނެޓު ފަހުން، އައްޑޫގެ ދެވަނަ ލަނޑުޖަހައިދިނީ މުޙައްމަދު ހާޒިމް ރިއްފަތު އެވެ.

އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހުސްކޮށްލާފަ ދިން ބޯޅައަކުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ އައްޑޫގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މުބާރާތުގެ ސެމީގައި އައްޑޫ ސިޓީ ނުކުންނާނީ ޅ. ނައިފަރާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު