ENGLISH
13 މޭ 2026
އެފްޑީސީ ފްލެޓްތައް ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ތާރީހެއް ދީފި
13 މޭ 2026
|
އެންމެ މަޤްބޫލު
އެފްޑީސީ ފްލެޓްތައް ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.
އެފްޑީސީން މިއަދު މީޑިއާތަކާ ހިއްސާކުރި ބަޔާނުގައި ބުނީ، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ އާންމު ސަރަހައްދުތަކުގައި އުސޫލުތަކާ ހިލާފަށް ތަކެތި ބަހައްޓާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތަށް އުސޫލުތަކާ ހިލާފަށް ތަކެތި ބެހެއްޓުމާއި ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ، ކުއްލި ހާލަތްތަކުގައި ބޭނުންކުރަންޖެހޭ ސިޑިގޮޅި ފަދަ ތަންތަން ބޭނުންކުރުމަށް ހުރަސްއޭޅެކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ. އަދި މިއީ އިމާރާތް ބޭނުންކުރުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އެފްޑީސީން ވަނީ އާއްމު ފަރާތްތަކަށް ހަނދާންކޮށްދީފަ އެވެ.
މިގޮތަށް ޢަމަލުކުރަމުންގެންދާ ފަރާތްތައް ޤަވާއިދަށް ފައްތަން ތާރީހެއް ވަނީ ކަނޑައަޅައިފަ އެވެ.
"ވީމާ، ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުގައި އިމާރާތް ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި، މިމަހުގެ 15 ދުވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން ނެންގެވުމަށް އިލްތިމާސްކުރަން" އެފްޑީސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެފްޑީސީން އިތުރަށް ބުނީ، ކަނޑައެޅިފައިވާ ސުންގަޑިއަށް ނުނަގާ ތަކެތި އެ ކޯޕަރޭޝަނުން ނަގައި ސަރަހައްދު ސާފުކުރާނެ ކަމަށެވެ. އަދި މިގޮތަށް ނެގޭ ތަކެއްޗަށް އެފްޑީސީން ޒިންމާނުވާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެފްޑީސީން އިމާރާތްކުރި ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދަށް ބޭނުންވާ ޚިދުމަތްތައް ފަހިކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން، އެ ސަރަޙައްދުގެ މަގުތައް މަރާމާތުކުރުމާއި، ދުވާރުތައް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު އަންނަނީ ކުރަމުންނެވެ.