ENGLISH

13 މޭ 2026

Advertisement

ވީއައިއޭގެ ދައުރު ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްޑީ

13 މޭ 2026

|

އަޙުމަދު ޙަމީދު

ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައިވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ދައުރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމްޝަރީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ. 

ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް" ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލްއިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން ޝަރީފް ފާހަގަކުރެއްވި އެވެ.

މި ކުރިއެރުންތަކާއެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެއަރޕޯޓްގެ ހިންގުން ހަރުދަނާކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. މިކަންކަމުގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް،ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީސްކްރީނިންގ އަދި މޮބައިލް ބޯޑިން ސޮލިއުޝަންތަކުގެ އަދާހަމަ ހިއްސާކުރެއްވި އެވެ.

އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައް އިޝްތިހާރުކުރުން އަދި ޑިޖިޓަލް ޚިދުމަތްތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށްނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހިއްސާ ކުރެއްވި އެވެ.

ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށްޓަކައި އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެބައިވެރިންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ސީއީއޯ އަދި އެމްޑީއިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވި އެވެ.

އުމްރާނީ ގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލިޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭއެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު