ENGLISH
13 މޭ 2026
އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި، ޖުލައި މަހު ފަށަނީ
13 މޭ 2026
|
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސްގެ މުބާރާތެއްގެ ތެރެއިން --- ފޮޓޯ: ކްލަބް މޯލްޑިވްސް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އެކްސްކޯގެ 13 ވަނަ ބައްދަލުވުމުގައި ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތްތަކާއި، އެ މުބާރާތްތައް ކުރިއަށްގެންދާނެ ގޮތްތައް ނިންމާފައެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ބައިވެރިވާން މިއަދު ހުޅުވާލާފައިވާއިރު، އެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މުބާރާތް ފަށާނީ ޖުލައި މަހުގެ 27 ވަނަ ދުވަހެވެ. އެފްއޭއެމްއިން ރާވާފައިވާ ގޮތުން 20 އަތޮޅެއްގައި އަތޮޅު މުބާރާތްތައް ކުޅޭނެއެވެ. އެއީ ޓީމުތައް ބައިވެރިވާ އަދަދުން ހޯސްޓް ކުރާ ވަކި ރަށެއް ނުވަތަ ރަށްތަކެއް ކަނޑައަޅައިގެންނެވެ. އޭގެ އިތުރުން ދެން މުބާރާތް ކުޅޭނީ މާލޭ ރީޖަންގައެވެ.
ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، ޒޯން ޗެމްޕިއަންޝިޕަކީ ރީޖަނަލް ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. ރާއްޖޭގެ އަތޮޅުތައް އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް / ރީޖަނަލް ޗެމްޕިއަންޝިޕް ބެހިގެންވާ ގޮތ:ް
މި މުބާރާތުގެ ކޮންމެ ޒޯނެއްގެ އެންމެ މޮޅު ދެ ޓީމު އެ ރީޖަނެއްގެ ފުޓްސަލް ރީޖަން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި ރީޖަން ޗެމްޕިއަންޝިޕަށްފަހު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު، އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއިރު، އެ ހަތަރު ޓީމު 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގަށް ޕްރޮމޯޓުވާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.
އެފްއޭއެމްއިން ދާދި ފަހުން ކްލަބު މޯލްޑިވްސްއާއެކު އެއްބަސްވުމެއް ހަދާފައިވާއިރު، އެ ފަހަރު އިއުލާންކުރީ މި އަހަރުގެ ކުލަބު މޯލްޑިވްސް ކަޕަކީ މި ވަގުތު ރާއްޖޭގެ އެއްވަނަ ޑިވިޝަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މުބާރާތް ރާއްޖޭގެ ފުޓްސަލް ލީގަކަށް ބަދަލުކުރަން ވިސްނާފައިވާ ކަމަށްވެސް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމްއިން އިއުލާން ކޮށްފައިވާ ގޮތުގައި އަތޮޅު ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓަރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ.
ޒޯން / ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭއިރު، ޒޯން / ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމު ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7000 ރުފިޔާއެވެ.