ENGLISH

13 މޭ 2026

Advertisement

އެފްއޭއެމް ރީޖަން ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް ދަތުރު ޚަރަދަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި

13 މޭ 2026

|

މުޙައްމަދު އަދުހަމް

މިހާރު ކުރިއަށްދާ ރީޖަން ލީގުގައި ސ. ފޭދޫއާއި ގދ. ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގައްދޫ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުތަކުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާގެ އަދަދު އިތުރުކޮށްފިއެވެ.

އެފްއޭއެމުން މިއަދު ބޭއްވި 13 ވަނަ އެކްސްކޯ ބައްދަލުވުމުގައި ވަނީ، މިހާރު އަތޮޅުތަކުގައި ކުރިއަށްދާ ފުޓްބޯޅަ ރީޖަން ލީގުތައް ކަމަށްވާ، ނޯތު ރީޖަން ލީގު، ސެންޓްރަލް ރީޖަން ލީގު އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ފީފާގެ އެހީތެރިކަމާއެކު ދިނުމަށް ނިންމާފައިވާ 90،000ރ. (ނުވަދިހަ ހާސް ރުފިޔާ) ގެ އިތުރަށް 30،000ރ. (ތިރީސް ހާސް ރުފިޔާ) ދޭން ނިންމާފައެވެ.

އެހެންކަމުން، މިހާރު އަތޮޅުތަކުގައި ކުރިއަށްދާ ފުޓްބޯޅަ ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން މުޅިއެކު 120،000ރ. (އެއްލައްކަ ވިހި ހާސް ރުފިޔާ) ދޭން އެފްއޭއެމުން ވަނީ ނިންމާފައެވެ. މިއާއެކު، އެފްއޭއެމްގެ ރީޖަނަލް ލީގުގައި ވާދަކުރާ 12 ޓީމުގެ ދަތުރުފަތުރުގެ ޚަރަދު ހަމަޖެއްސުމަށް ގާތްގަނޑަކަށް 1،440،000ރ. (އެއް މިލިއަން ހަތަރުލައްކަ ސާޅީސް ހާސް ރުފިޔާ) ހޭދަވާނެ އެވެ.

އެފްއޭއެމުން މިދިޔަ އަހަރު ތަޢާރަފްކުރި އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓުގައިވާ ގޮތުން، މިހާރު ކުރިއަށްދާ ރީޖަނަލް ލީގުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށްވުމާއެކު ބައެއް ޓީމުތަކަށް މެޗު ކުޅެން ކަނޑުދަތުރުކުރުމަށްފަހު ދާން ޖެހުމާއި، އަނެއް ޓީމުތަކަށް ވައިގެ މަގުން ފްލައިޓުން ދަތުރުކުރާތީވެ ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު މިދިޔަ އަހަރު ފެށި އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު