ENGLISH

12 މޭ 2026

Advertisement

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ފުރަތަމަ ފަންގިފިލާގެ ބީމްގެ މަސައްކަތް ނިމިއްޖެ

12 މޭ 2026

|

އާމިނަތު ނުޒްލާ

ހިތަދޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން އިތުރަށް ބުނީ، މިހާރު ކުރިއަށްދަނީ ރޭމްޕް ދަނނޑު އެޅުމުގެ މަސައްކަތް ކަމަށެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ އެކި ކާރިސާތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތްކުރާ ސެންޓަރެކެވެ. މިތަނަކީ ދެ ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ. މިތަނުގައި މީޓިން ރޫމަކާއި ކޭޓްރިންގެ ޚިދުމަތާއި ގުދަންތަކާއި ގެދަރިން ހޯލްތައް ހިމެނެ އެވެ. މީގެއިތުރުންވެސް ބޭނުންވާނެ އިތުރު ވަސީލައްތައް މިތަނުގައި ޤާއިމްކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ހިތަދޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ހިތަދޫގައި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެންޓަރުތައް ޤާއިމް ކުރަމުންދާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކޮށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ޕޯޓަލް އެއްވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.

މި ޕޯޓަލްގެ ސަބަބުން، މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެވެ. އަދި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކުރެވޭނެ އެވެ. ލިބުނު ގެއްލުންތަކުގެ ހިސާބުކޮށް ބަދަލު ދިނުމުގެ މަރުހަލާތައް ޕޯޓަލްގެ ތެރެއިން ފުރިހަމަ ކުރެވިގެންދާނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ގުދުރަތީ ކާރިސާތަކުން ލިބެމުންދާ ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުންދިޔުމާއި ގުޅިގެން، މިފަދަ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު